29 Dec 2018, 15:31
ލަންޑަން (ޑިސެމްބަރު 29): އިނގިރޭސިވިލާތުގައި ޕްލާސްޓިކް ކޮތަޅު ބޭނުން ކުރާ މިންވަރު މަދު ކުރުމަށްޓަކައި، ކޮތަޅުގެ އަގު ފަސް ޕެންސްއިން 10 ޕެންސަށް ބޮޑު ކުރުމާ ބެހޭ ގޮތުން އާއްމުންގެ ހިޔާލު ހޯދަން ފަށައިފި އެވެ.
މީގެ ކުރިން 2015 ވަނަ އަހަރު އެގައުމުން ވަނީ ބޮޑެތި ވިޔަފާރިތަކުން ޕްލާސްޓިކް ކޮތަޅު ހިލޭ ދިނުން މަނާކޮށް، އެއް ފަހަރު ބޭނުންކޮށް އުކާލާ ކޮތަޅަށް ފަސް ޕެންސް ނަގަން އަންގާފަ އެވެ. އޭގެ ސަބަބުން 15 ބިލިއަން ކޮތަޅު ދައުރުވުން ހުއްޓުވިފައިވާ ކަމަށް އެގައުމުން ބުނެ އެވެ.
ނަމަވެސް މިހާރު އެގައުމުގެ ސަރުކާރުން ހިޔާލު ހޯދަން ފަށާފައި ވަނީ ކޮތަޅުގެ އަގު ދެގުނައަށް ބޮޑު ކުރުމުގެ އިތުރުން ކުދި ވިޔަފާރިތަކުން ވެސް ކޮތަޅަށް އަގު ނަގާ އިސްލާހެއް ތައާރަފް ކުރުމަށެވެ.
އިނގިރޭސިވިލާތުގެ ތިމާވެއްޓާ ބެހޭ ސެކްރެޓަރީ މައިކެލް ގޯވް ވަނީ ކޮތަޅުގެ އަގު ބޮޑު ކުރުމުގެ މަގުސަދަކީ 'ދުނިޔެ ރައްކާތެރި ކުރުމަށް އިތުރު ފިޔަވަޅުތައް އެޅުން" ކަމަށް ވިދާޅުވެފަ އެވެ.
އިނގިރޭސި މެރިން ކޮންޒަވޭޝަން ސޮސައިޓީން ވަނީ ޕްލާސްޓިކް ކޮތަޅުން އަގު ނަގަން ފެށުމުން ގޮނޑުދޮށާއި ކަނޑުން ފެންނަ ކޮތަޅުގެ އަދަދު މަދުވެފައިވާ ކަމަށް ބުނެފަ އެވެ.