29 Dec 2018, 14:42
މިއަދު ހެނދުނު ފެށި ގެސްޓްހައުސް ސިމްޕޯސިއަމުގެ ތެރެއިން ގެސްޓްހައުސް ވިޔަފާރިވެރިންގެ ކަންބޮޑުވުންތައް އަޑުއަހައި، އެ ދަތިތައް ހައްލުކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
ގެސްޓްހައުސް ވިޔަފާރިވެރިން އެއްތަނަކުން ބައްދަލުކޮށް، އެކި ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ޓޫރިޒަމް މިނިސްޓްރީން އިންތިޒާމުކޮށްގެން ބާއްވާ ގެސްޓްހައުސް ސިމްޕޯސިއަމްގައި އެ ދާއިރާއާ ގުޅުންހުރި 400 ބައިވެރިން ބައިވެރިވެއެވެ. އޭގެ ތެރޭގައި ގެސްޓްހައުސް ވިޔަފާރިވެރިންނާއި، އަތޮޅު އަދި ރަށު ކައުންސިލުތަކާއި އަދި ސަރުކާރުގެ ކަމާ ގުޅުންހުރި ދާއިރާތަކުގެ ބޭފުޅުންވެސް ހިމެނެއެވެ.
ދަރުބާރުގޭގައި ކުރިއަށްދާ ސިމްޕޯސިއަމްގެ ހެނދުނު ދަންފަޅިއަށް ފަހު ނޫސްވެރިންނަށް މައުލޫމަތު ދެއްވަމުން މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، ގެސްޓްހައުސްތަކަށް ހުރި ކަންބޮޑުވުންތައް ސަރުކާރުން އަޑުއަހާނެ ކަމަށާއި ސިމްޕޯސިއަމްއިން ގެސްޓްހައުސް ވިޔަފާރިވެރިންގެ ކަންބޮޑުވުންތަކައް ހައްލު ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
"އަޅުގަނޑު ވަރަށް އުފާ ކުރަން މިހާ ޕީކް ޓައިމްއެއްގައި މިހާ ގިނަ އަދަދެއްގެ ބައިވެރިން ބައިވެރިވުމުން. މީގެން އެނގެނީ ރައްޔިތުންގެ އުންމީދުތައް ހުރި ހިސާބެއް. އިރާދަކުރެއްވިޔާ މީގެން މިލިބޭ މިސްރާބުން އަޅުގަނޑުމެން ގެސްޓްހައުސް ވިޔަފާރިއަށް ލިބޭ ދަތިތައް ހައްލު ކުރާން މަސައްކަތް ކުރާނަން،" މިނިސްޓަރު އަލީ ވަހީދު ވިދާޅުވިއެވެ.

ގެސްޓް ހައުސް ސިމްޕޯޒިއަމް ދަރުބާރުގޭގައި ފެށިގެން ކުރިއަށް ދަނީ -- ފޮޓޯ ޓުއަރިޒަމް މިނިސްޓްރީ
މިނިސްޓަރު ވިދާޅުވީ، ސަރުކާރުގެ 100 ދުވަސް ނިމުމުގެ ކުރިން ޓުއަރިޒަމް މާސްޓާ ޕްލޭން އެކުލަވާލާނެ ކަމަށާއި، އެ މާސްޓާ ޕްލޭންގައި ސިމްޕޯޒިއަމްގެ ބައިވެރިންގެ ހުރި ކަންބޮޑުވުންތަކުގެ ހައްލު ވެސް ހިމަނާނެ ކަމަށެވެ.
"މި ފެށޭ އަހަރުގެ ކުރީކޮޅު، ފުރަތަމަ ތިން މަސް ދުވަސް ތެރޭ އަޅުގަނޑުމެން މުޅި ޓުއަރިޒަމް އިންޑަސްޓްރީއަށް މިސްރާބު ކަނޑައަޅަނަން. އަޅުގަނޑު ގަބޫލު ކުރަނީ މާޗު ގެ ކުރިން އަޅުގަނޑުމެންނަށް މި ހުރިހާ ކަމެއް ފަށައިގަނެވިގެން ދާނެ ކަމަށް،" މިނިސްޓަރު ވިދާޅުވިއެވެ.

ގެސްޓް ހައުސް ސިމްޕޯޒިއަމް ދަރުބާރުގޭގައި ފެށިގެން ކުރިއަށް ދަނީ: ސިމްޕޯޒިއަމްގައި 400 އަށް ވުރެ ގިނަ ބައިވެރިން ވަނީ ބައިވެރިވެފަ -- ފޮޓޯ ޓުއަރިޒަމް މިނިސްޓްރީ
ޓުއަރިޒަމް މިނިސްޓްރީގެ އަމާޒަކީ އަންނަ އަހަރަކީ ޓުއަރިޒަމް ސިނާއަތުގައި ރިކޯޑް ބްރޭކިން އަހަކަށް ވެގެން ދިޔުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ގެސްޓްހައުސް ސިމްޕޯސިއަމުގެ ހެނދުނުގެ ދަންފަޅީގައި ކުރިއަށް ދިޔައީ ގެސްޓްހައުސް ހިންގުމުގެ ގާނޫނީ އޮނިގަނޑާއި، ފަތުރުވެރިކަމާއި މުޖުތަމައާ ހުރި ގުޅުންތަކާއި، އަދި ޑެސްޓިނޭޝަން މާކެޓިންގްއާ ގުޅޭ ސެޝަންތަކެވެ.
އަދި މިއަދު މެންދުރުގެ ދަންފަޅީގައި އޮންނާނީ ގެސްޓްހައުސްތަކުގެ ތަޖުރިބާތަކާ ގުޅޭ މަޝްވަރާތަކެވެ. އެއަށްފަހު ދެމެހެއްޓެނިވި ގޮތުގައި ގެސްޓްހައުސް ޓޫރިޒަމް ތަރައްގީކުރުމާއި، ގެސްޓްހައުސް ޓޫރިޒަމްގެ އިންފްރާސްޓްރަކްޗާ ތަރައްގީކުރުމާއި އަދި ޑެސްޓިނޭޝަން މާކެޓިންގްއާ ގުޅޭގޮތުން ބައިވެރިން މަޝްވަރާކޮށް، ޕްރެޒެންޓޭޝަން ހުށަހެޅުން އޮންނާނެއެވެ.
ގެސްޓްހައުސް ސިމްޕޯސިއަމްގެ ނިންމުމުގެ ރަސްމިއްޔާތު މިރޭ އޮންނަ އިރު، އެ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގަންނަވާނެ އެވެ.
ގެސްޓްހައުސް ސިމްޕޯސިއަމް ބޭއްވުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.