އަމީރު އަހްމަދުމަގުގައި ބަންދުކޮށްފައި އޮތް ސަރަހައްދު މަގުގެ ގޮތުގައި އަލުން ތަރައްގީކޮށް، އެ ސަރަހައްދު އެއްގަމު ދަތުރުފަތުރަށް ހުޅުވާލުމަށް ތައްޔާރުކޮށްފި އެވެ.

ކުރީގެ ސަރުކާރުން އޮތީ އަމީރު އަހްމަދުމަގުގެ، ޗާނދަނީމަގާއި ޖުމްހޫރީ ހިނގުމާ ދެމެދު އޮތް ސަރަހައްދު އެއްގަމު އުޅަނދުތަކަށް ބަންދުކޮށްފަ އެވެ. އަދި އެ ދިމާލުން އިސްލާމީ މަރުކަޒު ކުރިމައްޗަށް އޮތް ސަރަހައްދުގައި ތަޅުން އަޅައި، ޓައިލްސް ޖަހައިފަ އެވެ.

އެހެން ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވައުދެއްގެ ގޮތުގައި، އަމީރު އަހްމަދުމަގުގައި ބަންދުކޮށްފައި އޮތް ސަރަހައްދު އެއްގަމު ދަތުރުފަތުރަށް އަލުން ހުޅުވާލުމަށް ހިމަނާފައިވެ އެވެ. އެ ވައުދުގެ ދަށުން މި މަހުގެ ކުރީކޮޅު ވަނީ އަމީރު އަހްމަދުމަގުގައި ތަޅުން އަޅާއި، ޓައިލްސް ޖަހާފައި އޮތް ސަރަހައްދު ތަޅާލަން ފަށައިފަ އެވެ.

މާލެ ސިޓީ ކައުންސިލުން މައުލޫމާތު ދިން ގޮތުގައި، އެ ސަރަހައްދު ތަޅާލުމަށް ފަހު މަގުގެ ބައެއްގެ ގޮތުގައި އެ ސަރަހައްދު އަލުން ތަރައްގީކުރުމުގެ މަސައްކަތް ކުރީ އެ ކައުންސިލާއި އިންފްރާސްޓްރަކްޗާ މިނިސްޓްރީ ގުޅިގެންނެވެ.

އަމީރު އަހްމަދުމަގުގެ ބަންދުކޮށްފައި އޮތް ސަރަހައްދު އަލުން ހަދައި، ދަތުރުފަތުރަށް ހުޅުވަލަން ތައްޔާރުކޮށްފައި -- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

މާލެ ސިޓީ ކައުންސިލުގެ އާންމު ހިދުމަތްތަކާ ބެހޭ ބައިގެ އޮފިޝަލަކު "ސަން"އަށް ވިދާޅުވި ގޮތުގައި، އަމީރު އަހްމަދުމަގުގެ ބަންދުކޮށްފައި އޮތް ބައި މިހާރު ވަނީ މަގުގެ ބައެއްގެ ގޮތުގައި ހަދައި ނިންމައފަ އެވެ.

އެހެން ނަމަވެސް މަގު ހުޅުވާލާނެ ވަކި ތާރީޚެއް އަދި ކަނޑައަޅާފައި ނުވާކަމަށް ވެސް އޮފިޝަލު ވިދާޅުވި އެވެ.

އަމީރު އަހްމަދުމަގު ހުޅުވާލުމަށް ތައްޔާރުކޮށްފައިވާ އިރު، އެ މަގު ހުޅުވާލުމާ ގުޅިގެން އެ ސަރަހައްދުގެ ބައެއް މަގުތަކުގެ ޓްރެފިކް ފްލޯއަށް ބަދަލު ގެންނަން ވަނީ ނިންމާފަ އެވެ.

އެގޮތުން ޗާނދަނީމަގުގައި ދެކޮޅަށް ދުއްވާ ބައި ބަންދުކޮށް، ލިލީމަގު އެއްކޮޅަށް ދުއްވާ ގޮތަށް ހަމަޖައްސައި އެ ދެ މަގުގެ ޓްރެފިކް ފްލޯއަށް ބަދަލުކުރާނެކަން ޓްރާންސްޕޯޓު މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފަ އެވެ.

އަމީރު އަހްމަދުމަގުގެ ބަންދުކޮށްފައި އޮތް ސަރަހައްދު އަލުން ހަދައި، ދަތުރުފަތުރަށް ހުޅުވަލަން ތައްޔާރުކޮށްފައި -- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ލިލީމަގަކީ މިހާރު ދެކޮޅަށް ދުއްވޭ މަގެކެވެ. އަދި ލިލީމަގާއި ޗާނދަނީމަގު ގުޅޭ ހިސާބާއި، ލިލީމަގާއި ފަރީދީމަގު ގުޅޭ ހިސާބާ ދެމެދު އޮންނަ ސަރަހައްދަކީ ވެސް ދެކޮޅަށް ދުއްވޭ ހިސާބެކެވެ.

އެ މަގުތަކަށް ބަދަލު ގެނައުމާ އެކު ދެން ދަތުރުކުރެވޭނީ ޗާނދަނީމަގުން ދެކުނަށް ދާއިރު ލިލީމަގަށް ވަދެވޭ ގޮތަށެވެ.

އޭގެ އިތުރުން ބަދަލު ގެންނަނީ މެދުޒިޔާރަތްމަގުން އައިސް ވަދެވޭ ގޮތަށް މިހާރު އޮންނަ، ޝަހީދު ކުޑަ އާދަމްގެ ކުޑަތުއްތު ހިނގުމަށެވެ. އެ ސަރަހައްދުގެ ފްލޯއަށް ގެންނަ ބަދަލަކީ ލިލީމަގުން އައިސް ޝަހީދު ކުޑަ އާދަމްގެ ކުޑަތުއްތު ހިނގުމުން އުތުރަށް ގޮސް، މެދުޒިޔާރަތް މަގަށް ނިކުމެވޭ ގޮތަށް ބަދަލުކުރުމެވެ.

ޓްރާންސްޕޯޓު މިނިސްޓަރު އާއިޝަތު ނަހުލާ މީގެ ކުރިން "ސަން"އަށް ވިދާޅުވި ގޮތުގައި، އަމީރު އަހްމަދު މަގު ހުޅުވުމާ އެކު ޓްރެފިކް ފްލޯއަށް ގެންނަ ބަދަލަށް ރިއާއަތްކުރުމަށް ފަހު، މެދުޒިޔާރަތްމަގުގައި ވެސް ހުޅުވާލާނެ އެވެ.