29 Dec 2018, 12:56
އޮޓަވާ (ޑިސެމްބަރު 29): ކެނެޑާއިން ވާވޭގެ ސީއެފްއޯ ހައްޔަރު ކުރުމާ ގުޅިގެން އެގައުމާއި ޗައިނާގެ މެދުގައި ދެބަސްވުން އުފެދިފައިވާ ދަނޑިވަޅެއްގައި، ޗައިނާއިން ހިފެހެއްޓި ކެނެޑާގެ ޓީޗަރު ދޫކޮށްލައިފިއެވެ.
ޗައިނާއިން ބުނި ގޮތުގައި ކެނެޑާގެ ޓީޗަރު ސާރާ މެކްއައިވާ މިމަހުގެ ކުރީކޮޅު ހައްޔަރު ކުރީ ގަވާއިދާ ހިލާފަށް ޗައިނާގައި މަސައްކަތް ކުރަމުން ދަނިކޮށެވެ. އަދި އޭނާ މިހާރު ދޫކޮށްލާފައިވާ ކަމަށް ކެނެޑާގެ ސަރުކާރުގެ އިދާރާއަކުން ބުންޏެވެ.
އެ ޓީޗަރާ ބެހޭ ގޮތުން ކެނެޑާއިން އިތުރު ތަފްސީލެއް ހާމަ ނުކުރެއެވެ.
މެކްއައިވާގެ އިތުރުން ޗައިނާއިން ވަނީ ކެނެޑާގެ ކުރީގެ ޑިޕްލޮމެޓް މައިކެލް ކޮވްރިގް އާއި ވިޔަފާރިވެރިއެއް ކަމަށްވާ މައިކެލް ސްޕަވޯ ހައްޔަރުކޮށްފައެވެ. ގައުމީ ސަލާމަތަށް ނުރައްކާ ކަންތައްތައް ކުރުމުގެ ތުހުމަތުގައި ހައްޔަރު ކުރި އެ ދެ މީހުން އަދިވެސް ދޫކޮށްލާފައި ނުވެއެވެ.
ޗައިނާއިން ވަނީ ވާވޭގެ ސީއެފްއޯ މެންގް ވަންޖޯގެ ހައްޔަރާ، ކެނެޑާގެ މީހުން އެގައުމުގައި ހައްޔަރުކުރުމާ ގުޅުމެއް ނެތްކަމަށް ބުނެފައެވެ. ނަމަވެސް ބައެއް ފަރާތްތަކުން ވަނީ އެއީ ބަދަލުހިފުމުގެ ގޮތުން ޗައިނާއިން ކުރި ކަމެއް ކަމަށް ތުހުމަތުކޮށްފައެވެ.
ކެނެޑާއިން މިމަހުގެ ކުރީކޮޅު މެންގް ހައްޔަރު ކުރީ އެމެރިކާގެ އެދުމުގެ މަތިންނެވެ. އެމެރިކާއިން ބުނާ ގޮތުގައި މެންގް ވަނީ އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ހިލާފުވެފައެވެ.
މެންގް ހައްޔަރު ކުރިތާ 10 ދުވަސް ފަހުން ކެނެޑާއިން ވަނީ އޭނާ ކަފާލާތުގެ ދަށުން ދޫކޮށްލާފަ އެވެ. މެންގް ދޫކޮށްލީ އިލެކްޓްރޯނިކް ޓެގް އަޅުވައި، ޕާސްޕޯޓު ހަވާލު ކުރުމަށް އަމުރުކޮށްފައެވެ.
މެންގް ދެން ކޯޓަށް ހާޒިރުވާން ޖެހޭނީ އަންނަ ފެބްރުއަރީ މަހުގެ ހަޔެއްގައެވެ.