ކ. ތިލަފުށިން އަލަށް ހިއްކި 14 ހެކްޓަރުގެ ސަރަހައްދުން ކުއްޔަށް ދޫކުރާ 136 ބިމަށް ބިޑު ހުށަހެޅުމުގެ ފުރުސަތު މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް )ޓީސީއެލް( އިން އިތުރުކޮށްފި އެވެ.

ޓީސީއެލްގެ ކޯޕަރޭޓް އެފެއާޒު މެނޭޖަރު މުހައްމަދު ލަތީފު މިއަދު ވިދާޅުވި ގޮތުގައި އެ މުއްދަތު އިތުރުކުރީ ބިން ކުއްޔަށް ހިފުމަށް އެދޭ ވަރަށް ގިނަ ފަރާތްތަކަކުން އެކަމަށް އެދެމުން ދާތީ ކަމަށެވެ.

"އަޅުގަނޑުމެންނަށް ވަރަށް ގިނަ ފަރާތްތަކުން އެދެމުން އެބަދޭ އެކްސްޓެންޑް]މުއްދަތު އިތުރު[ ކޮށްދޭށޭ. ކުރިން ހަމަޖައްސައިފައި އޮތީ ފަހެއް އޮކްޓޯބަރުގައި ބިޑު ހުށަހަޅާ ގޮތަށް. އެކަމަކު މިހާރު އޮކްޓޯބަރު 20އާ ހަމައަށް އެކްސްޓެންޑް މިކުރީ ބިޑު ހުށަހަޅާ ގޮތަށް،" ލަތީފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ތަފާތު ސިނާއީ މަސައްކަތްތައް ކުރުމަށް ތިލަފުށިން ބިން ކުއްޔަށް ހިފަން ބޭނުންވެގެން 200 ވަރަކަށް ސިޓީ އެކޯޕަރޭޝަނަށް ލިބިފައިވާ ކަމަށެވެ. އެ ފަރާތްތަކުން ވެސް ބިޑު ހުށަހަޅަން އޮންނާނީ މިހާރު އަންގައިފަ ކަމަށް ލަތީފު ވިދާޅުވި އެވެ.

ތިލަފުށިން ބިން ކުއްޔަށް ދޫކުރަނީ 35 އަހަރަށެވެ. ފުރަތަމަ ތިން އަހަރަށް ބިން ދޫކުރަނީ އަކަ ފޫޓަކަށް ދޮޅު ރުފިޔާ ނަގާ ގޮތަށް ކަމަށާއި ހަތަރު ވަނަ އަހަރާއި ފަސްވަނަ އަހަރު އަކަ ފޫޓަކަށް 2.50ރ. ނަގާނެ ކަމަށް ޓީސީއެލް އިން ބުނެ އެވެ. އަދި އަދި ހަ ވަނަ އަހަރުން ފެށިގެން އިންފްލޭޝަނަށް ބަލާފައި އަގަށް ބަދަލު ގެނެވޭނެ އެވެ. ބިން ދޫކުރުމުގައި އިސްކަމެއް ދޭން ހަމަޖައްސާފައި ވަނީ ބޮޑު އެޑްވާންސެއް ހުށަހަޅާ ފަރާތްތަކަށް ކަމަށް ވެސް ޓީސީއެލް އިން ބުނެ އެވެ.

ފުރަތަމަ ބުރުގައި ކުއްޔަށް ދޫކުރާ ބިންތަކުގެ ތެރޭގައި ހިމެނެނީ ކޮންސްޓްރަކްޝަން މެޓީރިއަލް ގުދަންކުރުމަށް ދޫކުރާ 20،000 އަކަފޫޓްގެ 20 ބިމާއި ލަކުޑި މަސައްކަތްތަކަށް ދޫކުރާ 10،000 އަކަފޫޓުގެ 20 ބިމާއި ސޯމިލްއާއި އެކި ބާވަތުގެ އިންޑަސްޓްރިއަލް މަސައްކަތްތަކަށް 5،000 އަކަފޫޓުގެ 20 ބިމާއި ދަގަނޑާއި އިލެކްޓްރިކަލް މަސައްކަތްތަކަށް 5،000 އަކަފޫޓުގެ 20 ބިން އަދި އެހެނިހެން މަސައްކަތްތަކަށް ދޫކުރާ 20،000 އަކަފޫޓުގެ ހަތަރު ބިމާއި ހަމަ އެކި ބޭނުންތަކަށް ދޫކުރާ 2000 އަކަފޫޓުގެ 74 ބިމެކެވެ.

ތިލަފުށި ފަޅުން އަލަށް ހިއްކާ 157 ހެކްޓަރުގެ ސަރަހައްދުގައި އިންޓަނޭޝަނަލް ޕޯޓަކާއި ކޮންޓެއިނަރު ޓާމިނަލެއް ވެސް ގާއިމްކުރަން ޓީސީއެލް އިން ވަނީ ޕްލޭންކޮށްފަ އެވެ. ބައިނަލް އަގުވާމީ ބަނދަރުގެ ބިޑިން ޕްރޮސެސް މިހާރު ކުރިއަށް އެބަދެ އެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް )އެމްޕީއެލް( އަށް 25 އަހަރު ފުރުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ރައީސްގެ އެންވޯއި އިބްރާހީމް ހުސައިން ޒަކީ ވިދާޅުވެފައި ވަނީ، ތިލަފުށީގައި ބައިނަލް އަގުވާމީ ބަނދަރު ހެދުމަށް ބޭރުގެ ފަރާތްތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށާއި އެ މަސައްކަތް ވަރަށް އަވަހަށް އެއިން ފަރާތަކާ ހަވާލުކޮށް، އަމަލީ މަސައްކަތް ފަށައިގަނެވޭނެ ކަމަށެވެ. އަދި އެ ބަނދަރު ހެދުމުން މިހާރު މާލެ ވިޔަފާރި ބަނދަރުގައި ދިމާވާ ދަތިތަކަށް ހައްލެއް އަންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.

އެމްޑީޕީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު ހިއްސާވާ ހެވީ ލޯޑާ ހަވާލުކޮށްގެން ތިލަފުށި ފަޅުން 157 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދަނީ އެންޓި ކޮރަޕްޝަން ކޮމިޝަން )އޭސީސީ( އިން އެ މަސައްކަތް ހުއްޓާލަން އަންގާފައިވަނިކޮށެވެ. ޓީސީއެލުން ބުނާ ގޮތުގައި، އެ މަޝްރޫއު ހުއްޓުވުމުގެ ބާރު އޭސީސީ އަށް ލިބިގެނެއް ނުވެ އެވެ. އެ މައްސަލަ ކޯޓުގައި މިހާރު އޮތް އިރު ހެވީ ލޯޑުން ދަނީ ބިން ހިއްކުމުގެ މަސައްކަތް ހުއްޓާ ނުލައި ކުރަމުންނެވެ.