ނަވާރަސަތޭކަ ހަތްދިހައިގެ އަހަރުތަކުން ފެށިގެން ނުވަދިހައިގެ އަހަރުތަކާ ހަމައަށް "ކޮމެޑީ ކިންގް"ގެ ގޮތުގައި މަޝްހޫރު ބޮލީވުޑްގެ ވެޓެރަން އެކްޓަރު ކާދިރު ޚާންގެ ހާލު ސީރިއަސްވެ އައިސީޔޫގައި ފަރުވާދޭން ފަށައިފި އެވެ.

އުމުރުން 81 އަހަރުގެ ކާދިރަށް ފަރުވާ ދެމުން އަންނަނީ ކެނެޑާގެ ހޮސްޕިޓަލެއްގަ އެވެ. ކާދިރު އެޑްމިޓު ކުރީ ނޭވާލާން އުނދަގޫވެގެންނެވެ. އަދި މިހާރު ކާދިރު ނޭވާ ލަމުން އަންނަނީ ޚާއްސަ ވެންޓިލޭޓަރެއްގެ އެހީގައި ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އާއިލާ އާއި ހަވާލާދީ ބައެއް ރިޕޯޓުތައް ބުނާގޮތުން، ކާދިރަށް ވާހަކަ ނުދެއްކޭ އިރު ނިއުމޯނިއާގެ އަލާމާތްތައް ވެސް އަންނަނީ ފެންނަމުންނެވެ.

މިދިޔަ އަހަރު ކާދިރު ވަނީ ކަކުލުގެ އޮޕަރޭޝަނެއްކޮށްފަ އެވެ. ޚަބަރުތައް ބުނާ ގޮތުން އޮޕަރޭޝަން ގޯސްވެ، އޭގެ ފަހުން ކާދިރަށް ރަނގަޅަށް ނުހިނގެ އެވެ.

ކާދިރު ވަނީ 300 އަށް ވުރެ ގިނަ ފިލްމުތަކުގައި މަސައްކަތް ކޮށްފަ އެވެ. އޭގެ ތެރޭގައި 'މުޖްސެ ޝާދީ ކަރޯގީ'، 'ޖީނާ ސިރްފް މޭރޭ ލިޔޭ'، 'ޖޯރޫ ކާ ގުލާމް'، އަދި 'ބެނާރަސީ ބާބޫ' ފަދަ ފިލްމުތައް ފާހަގަކޮށްލެވެ އެވެ.

ފިލްމީ ދާއިރާ އާއި ދުރަށް ޖެހުމަށް ފަހު ކާދިރު ދިރިއުޅެމުން އަންނަނީ އޭނާގެ ދަރިފުޅާ އެކު ކެނެޑާގަ އެވެ.