28 Dec 2018, 22:44
ކުރީގެ ރައީސް އަބްދުﷲ ޔާމީން އެމަނިކުފާނުގެ މަޖިލީސް އިންތިހާބުގެ ކެންޑިޑޭޓުންނަށް ދެއްވީ ލަނޑެއް ކަމަށް ކުރީގެ ރައީސް ނަޝީދު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމް އިން ވަނީ މި މަހުގެ ތެރޭގައި އެ ޕާޓީގެ ނަމުގައި މަޖިލީސް އިންތިހާބުގައި ވާދަ ކުރައްވާ ބޭފުޅުންނަށް ޕްރައިމަރީ އަކާ ނުލައި ޓިކެޓު ދެއްވާފަ އެވެ. އެ ބޭފުޅުންނަށް ޓިކެޓު ދެއްވާފައި ވަނިކޮށް، ރައީސް ޔާމީން ވަނީ ޕީޕީއެމް ދޫކުރައްވަން ނިންމަވައި އާ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ފައްޓަވާފަ އެވެ.
އެކަމާ ގުޅިގެން މިރޭ އޮތް އެމްޑީޕީގެ ޕްރައިމަރީގެ ކެމްޕެއިން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ރައީސް ޔާމީނަށް އެހެން ޕާޓީއަކަށް ވަޑައިގަތުމަށް ފަހު ދެން ކުރީން ޓިކެޓު ދެއްވި ބޭފުޅުނަށް އާ ޕާޓީގެ ނަމުގައި ޓިކެޓު ނުދެއްވޭނެ ކަމަށެވެ. އަދި އެއީ އެ ބޭފުޅުންނަށް ދެއްވުނު ލަނޑެއްގެ ގޮތުގައި އެމަނިކުފާނު ސިފަ ކުރެއްވި އެވެ.
"ރާއްޖޭގެ ގާނޫނު އޮތީ މުޅީން އެހެން ގޮތަކަށް. ޕާޓީއެއްގެ ފަރާތުން ވާދަ ކުރުމަށް ކަނޑައެޅުމުގެ ފަހުގައި ދެނެއް [އެހެން ޕާޓީއެއްގެ ނަމުގައި] ވާދައެއް ނުކުރެވޭނެ. އެހެންވީމާ ގަނޑުކޮށް ރައީސް ޔާމީނުގެ ހުރިހާ ކެނޑިޑޭޓުންނަށް އަނެއްކާ ލަނޑެއް ދެއްވައިފި،"
އެމަނިކުފާނު ވިދާޅުވީ، ދެން ރައީސް ޔާމީން އުފައްދަވާ ޕާޓީއިން، ޕީޕީއެމްގެ ޓިކެޓު ދީފައިވާ ބޭފުޅުންނަށް މަޖިލީސް އިންތިހާބުގައި ވާދަ ކުރައްވަން ޓިކެޓު ދެއްވެވޭނެ ކަމަށެވެ.
"ކުރިއަށް މިއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މިބޭފުޅުންނަށް ބައިވެރިވެވަޑައިގެންނެވެން ނެތުނީ. ގާނޫނާ ހިލާފަށް އަމަލު ކޮށް ނިންމަވައިފި އަނެއްކާ. މިހާރު އަނެއްކާ ދެން އަލަށް ހައްދަވާ ޕާޓީއަށް އެހެންވީމާ މުޅިން އެހެން ބައެއް ކެންޑިޑޭޓުންގެ ގޮތުގައި ނުކުންނަނަވަން ޖެހޭނީ. މިއޮއްހާ ދުވަހު ޕީޕީއެމްގައި އެ ބޭފުޅާއާ އެކީގައި ތިއްބެވި ކެންޑިޑޭޓުން ކޮޅު މެމްބަރުން ކޮޅު، ހަމަ އެކީ އެކައްޗަކަށް ބާތިލު ކުރެއްވީ. ގަނޑުކޮށް އެކަން ކުރެއްވީ،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު އެހެން ވިދާޅުވެފައިވާ އިރު، އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަދި ތަރުޖަމާނު އަހުމަދު އަކުރަމް "ސަން"އަށް ވިދާޅުވީ، ގާނޫނުގައި އޮންނަނީ ޕްރައިމަރީއެއް ކާމިޔާބު ކުރައްވައިގެން ހޮވޭ ކެންޑިޑޭޓަކަށް އެހެން ޕާޓީއެއްގެ ނަމުގައު ނުވަތަ އަމިއްލަ ގޮތުން އިންތިހާބުގައި ވާދަ ނުކުރެއްވޭނޭ ކަމަށް ކަމަށެވެ. ޕްރައިމަރީ އަކާ ނުލައި ޓިކެޓު ދެވޭ ބޭފުޅުންނާ ބެހޭގޮތުން ގާނޫނުގައި އެގޮތަށް އޮންނަ ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.