19:00


ގދ. ގައްދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ޒުވާނަކު އަމިއްލަ ގަޔަށް ޕެޓްރޯލް ހަމެއް އަޅައިލައިގެން އަމިއްލަ އަށް ރޯކޮށްލުމުގެ ސަބަބުން އޭނާގެ ހަށިގަނޑުގެ ބޮޑު ބައެއް ފިހިއްޖެ އެވެ.


އާއިލާއިން ބުނީ އެހާދިސާގައި ހަށިގަނޑުގެ ބޮޑު ބައެއް ފިހިފައިވަނީ ގައްދޫ، ފޫލޫނިޔާގޭ އުމުރުން 22 އަހަރުގެ އިބްރާހިމް އަފްޒަލް ކަމަށާއި އޭނާ އަށް މިހާރު ތިނަދޫ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުން އަންނަ ކަމަށެވެ. އަދި އެހާދިސާގެ ސަބަބުން އޭނާގެ ހަށިގަނޑުން 80 ޕަސެންޓް ފިހިފައިވާއިރު އޭނާގެ ހާލު ވަރަށް ސީރިއަސް ކަމަށް ހޮސްޕިޓަލުން ބުނާ ކަމަށްވެސް އާއިލާ އިން ބުނެ އެވެ.


ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ މިހާދިސާ ހިނގީ މިއަދު 3:30 ހާއިރު އިބްރާހިމް އަފްޒަލް ގައްދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުއްޓާ، ޕޮލިސް ސްޓޭޝަންގެ ތެރޭގައި ހުރި އުނދޯލި ގެއެއްގެ ތެރޭގައި ފުލުހުންގެ ވެހިކަލްތަކަށް އަޅަން ބޭނުންކުރާ ޕެޓްރޯލް ހަމެއް އަމިއްލަ ގަޔަށް އަޅާލުމަށްފަހު އަމިއްލަ އަށް ރޯކޮށްލައިގެން ކަމަށެވެ. އަދި އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އާއްމު ފަރާތްތަކަށް ބިރުދައްކައި އުނދަގޫކޮށް ހަދާ ކަމުގެ ޝަކުވާ ފުލުހުންނަށް ލިބިފައި ވަނިކޮށް، މިއަދު މަސްތުވެގެން ހުރި ކަމަށް ތުހުމަތުކުރެވިގެން ކަމަށްވެސް ފުލުހުން ބުނެ އެވެ.


އާއިލާގެ ފަރާތުން ވަނީ އިބްރާހިމް އަފްޒަލް ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ އަމިއްލަ ގަޔަށް ޕެޓްރޯލް އަޅައިގެން ރޯކޮށްލި ހާދިސާގައި ފުލުހުން އިހުމާލެއް ވެފައިވާތޯ ބަލައިދިނުމަށް އެދި މިއަދު ހަވީރު ފުލުހުންގެ އިދާރާއަށް އެމައްސަލަ ހުށަހަޅައިފަ އެވެ.