28 Dec 2018, 22:28
ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް އިސްވެ ހުންނަވައިގެން އުފައްދާ ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އުފެެއްދުމުގެ މަސައްކަތް ކުރިއަށް ދާތީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ހަރަކާތްތައް މުއްދަތެއް ނެތް ގޮތަށް މެދުކަނޑާލައިފި އެވެ.
ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ހުސައިން ޝަރީފް (މުންދު) މިރޭ ވިދާޅުވީ ޕީޕީއެމްގެ ހަރަކާތްތައް މިވަގުތައް މެދުކަނޑާލާފައިވާ ކަމުގައެވެ. އަދި ދެން ހަރަކާތްތައް އަލުން ފެށޭނެ ތާރީހެއް ފަހުން އިއުލާނު ކުރައްވާނެކަމަށްވެސް މުންދު ވިދާޅުވިއެވެ.
"ރައީސް ޔާމީންގެ ސިޔާސީ ހަރަކާތްތައް އިތުރަށް ވަރުގަދަކުރުމަށް ޕާޓީއެއް ރެޖިސްޓާ ކުރުމުގެ މަސައްކަތް މުޅި ރާއްޖޭގައި ބާރު ސްޕީޑުގައި ހިނގަމުންދާތީ، އެހެނިހެން ހަަރަކާތްތައް މިވަގުތު ވަނީ މަޑު ޖައްސާލައިފައި،" މުންދު ވިދާޅުވި އެވެ.
މުންދު ވިދާޅުވީ، ޕީޕީއެމްގެ ހަރަކާތްތައް ފަށާނެ ތާރީހެއް ފަހުން އިއުލާނު ކުރެވޭނެ ކަމަށެވެ.
ޕީއެންސީ އުފެއްދުމުގެ ހުއްދަ ދީފައި ވަނީ ޕީޕީއެމްގެ ކުރީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިދާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އަށެވެ. އެ ޕާޓީ އުފެއްދުމަށް ބޭނުންވާ 3000 މީހުންގެ ސޮއި މިހާރު ވަނީ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފަ އެވެ.