28 Dec 2018, 16:32
ޚަރްތޫމް (ޑިސެމްބަރު 18): ސޫދާނުގައި ކާބޯތަކެތީގެ އަގު އުފުލުމާ ގުޅިގެން މިދިޔަ ހަފްތާގައި ފެށި މުޒާހަރާތަކުގައި 19 މީހުން މަރުވެއްޖެ ކަމަށް އެގައުމުގެ ސަރުކާރުން ބުނެފި އެވެ.
ސޫދާން ސަރުކާރުގެ ތަރުޖަމާނެއް ކަމަށްވާ ބޮޝާރާ ޖޫމާ ވިދާޅުވި ގޮތުގައި މުޒާހަރާގައި މަރުވި މީހުންގެ ތެރޭގައި ދެ ފުލުހުންވެސް ހިމެނެއެވެ. އަދި ގިނަ މީހުން މަރުވީ ފިހާރަތައް ފަދަ ތަންތަން ލޫޓުވަން އުޅުމުގެ ތެރޭގައެވެ.
ޖޫމާ ވިދާޅުވި ގޮތުގައި އެހާދިސާތަކުގައި 219 މީހުންނަށް ވަނީ އަނިޔާވެފަ އެވެ.
ނަމަވެސް އެމްނެސްޓީ އިންޓަނޭޝަނަލް އިން ބުނާ ގޮތުގައި ސޫދާންގެ މުޒާހަރާތަކުގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 37އަށް އަރާފައެވެ.
މިމަހުގެ 19އިގައި އެމުޒާހަރާތައް ފެށީ ސޫދާންގެ ސަރުކާރުން ޕާނެއްގެ އަގު އެއް ސޫދަނީސް ޕައުންޑުން ތިން ޕައުންޑަށް (0.02 ޑޮލަރުން 0.06 ޑޮލަރަށް) ބަދަލު ކުރުމުންނެވެ. އެމުޒާހަރާތަކުގައި ޑޮކްޓަރުންނާއި ނޫސްވެރިންވެސް ވަނީ ބައިވެރިވެފަ އެވެ. އަދި ބައެއް ފަރާތްތަކުން ދަނީ ރައީސް އުމަރު އަލް ބަޝީރު އިސްތިއުފާ ދެއްވުމަށް ގޮވާލަމުންނެވެ.
އޭގެ ސަބަބުން ރައީސް ވަނީ ގައުމުގެ އިގުތިސާދު ރަނގަޅު ކުރުމަށް އިސްލާހުތައް ގެންނަވާނެ ކަމަށް ވިދާޅުވެފަ އެވެ.
ފާއިތުވި އަހަރުތަކުގެ ތެރޭގައި ސޫދާންގެ ޕައުންޑުގެ އަގު ވެއްޓި، ގައުމުގެ އިންފްލޭޝަން ރޭޓު ވަނީ 70 ޕަސެންޓަށް އަރާފަ އެވެ. އަދި ގިނަ ސިޓީތަކަށް ބޭނުންވާ ވަރަށް ކާނާ އާއި ތެޔޮ ނުލިބޭ މައްސަލަ ވަނީ އާންމުވެފައެވެ.