28 Dec 2018, 13:41
ދިވެހި ޒުވާނުން ޗައިނާއިން ތަމްރީނުވުން މުހިއްމު ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ޗައިނާގެ ޝިންހުއާ ނޫހަށް ދެއްވި އިންޓަވިއުއެއްގައި ޝާހިދު ވަނީ އެގައުމަކީ ޓެކްނޮލޮޖީގެ ގޮތުންނާއި އިގުތިސާދީ ގޮތުން އިންތިހާއަށް ކުރިއަރާފައިވާ ގައުމެއްކަން ފާހަގަކުރައްވާފައެވެ. އެހެންކަމުން ރާއްޖޭގެ ޒުވާން ޖީލު އެގައުމުގައި ތަމްރީނުވުމަކީ ރާއްޖެއަށް ފައިދާ ވާނެ ކަމެއް ކަމަށް ވިދާޅުވިއެވެ.
"ދިވެހި ޒުވާނުން ޗައިނާއިން ތަމްރީނުވުމަކީ މުހިންމު ކަމެއް. އެއީ ޓެކްނޮލޮޖީގެ ގޮތުންނާއި އިގުތިސާދީ ގޮތުން ޗައިނާ ކުރިއަރާފައިވާ މިންވަރު ބޮޑުކަމުން،" ޝާހިދު ވިދާޅުވިއެވެ.
ދެހާސް އަށްވަނަ އަހަރު އޭރުގެ ފޮރިން މިނިސްޓަރުކަމުގައި ހުންނެވި އިރު ބެއިޖިންގްގައި ހުންނަ ދިވެހި އެމްބަސީ ހުޅުވުމަށް ވަޑައިގެންނެވި ހަނދާންތައް އާކުރައްވަމުން ޝާހިދު ވިދާޅުވީ، އޭރުވެސް ޗައިނާގެ ޔުނިވާސިޓީތަކުގައި ކިޔަވާ ދިވެހި ދަރިވަރުންނަކީ އެގައުމުގެ ރައްޔިތުންނާ ގާތް ގުޅުމެއް ބާއްވާ ބަޔެއް ކަމަށެވެ.
އެގޮތުން 2008 ވަނަ އަހަރު މިނިސްޓަރު ބެއިޖިންއަށް ވަޑައިގެންނެވީ ސިޗުއާން ޕްރޮވިންސަށް ބޮޑު ހިންހެލުން އައިސް އުޅުނު ދުވަސްކޮޅު ކަމަށާއި، އެ ބިންހެލުމުގައި އަނިޔާވި މީހުންނަށް އެހީވުމަށް ލޭ ހަދިޔާކުރާ ޕްރޮގްރާމެއް، އޭރު ޗައިނާގެ ޔުނިވާސިޓީއެއްގައި ކިޔަވަމުން ދިޔަ ދިވެހި ދަރިވަރުންތަކެއް ކުރިއަށް ގެންދިއަކަމަށް ފޮރިން މިނިސްޓަރު ވިދާޅުވިއެވެ.
މީގެ އިތުރުން، ރާއްޖެ އާއި ޗައިނާގެ ގުޅުމާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ޝާހިދު ވަނީ ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަ ވަމުންދާނެ ކަމަށް އުންމީދު ކުރައްވާކަމަށް ވިދާޅުވެފައެވެ.
އަދި އަވަށްޓެރި ގައުމުތަކުންނާއި ދުނިޔޭގައި އިގުތިސާދީ ގޮތުން އެންމެ ކުރިއަރާފައިވާ ގައުމުތަކުން ޗައިނާއާ ގުޅުން ބަދަހި ކުރަމުންދާ އިރު، ރާއްޖެވެސް ޗައިނާއާ ގުޅުން ބަދަހި ކުރުމުގައި ފަހަތަށް ނުޖެހޭނެ ކަމަށް ވިދާޅުވިއެވެ.
ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުވި ގޮތުގައި، ރާއްޖެގައި އަލަށް ގާއިމު ކުރި ސަރުކާރުގެ ޚާރިޖީ ސިޔާސަތަކީ ރާއްޖެއަށާއި ދިވެހިންނަށް އިހުތިރާމު ކުރާ ހުރިހާ ގައުމަކާވެސް ގުޅުން ބަދަހި ކުރުމެވެ.