28 Dec 2018, 12:07
ދިވެހި އަދަބިއްޔާތާއި ދިވެހި ތާރީހު އިލްމުވެރިޔާ މުހައްމަދު ވަހީދު ނަދުވީ މިއަދު އަވަހާރަވެއްޖެއެވެ.
އާލާސްކަންފުޅާ އުޅުއްވާތީ އައިޖީއެމްއެޗުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް އޭނާ އަވަހާރަވީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.
ދިވެހި އަދަބިއްޔާތާއި ދިވެހި ތާރީހުގެ އިލްމުވެރިޔާ މުހައްމަދު ވަހީދު ނަދުވީއަކީ އެކި ދާއިރާތަކުން ތައުލީމު ހާސިލުކުރެއްވި ބޭފުޅެކެވެ. އޭގެ ތެރޭގައި އިސްލާމީ އިލްމާއި، ޕޮލިޓިކަލް ސައިންސްގެ އިތުރުން އަދަބިއްޔާތު ހިމެނެއެވެ. އޭނާ އަދަބިއްޔާތުގެ ރޮނގުން މާސްޓާސްއަށް ކިޔަވާ ވިދާޅުވީ އިންޑިއާގެ އަލީގަޅު ޔުނިވާސިޓީންނެވެ.
މުހައްމަދު ވަހީދު ނަދުވީ ވަނީ ދިވެހި ގައުމީ ޔުނިވާސިޓީގެ ޑިގްރީ ޕްރޮގްރާމުތަކުގައި ތާރީޚާއި އަދަބިއްޔާތުގެ މޮޑިއުލްތައް ކިޔަވައިދެއްވާފައެވެ.
އޭނާ މީގެ ކުރިން ވަނީ ފަތްތޫރައިގައި ތާރީހީ ލިޔުއްވުންތަކާއި އަދަބީ ފާޑުކިޔުއްވުމުގެ ސިލްސިލާ ލިޔުންތަކެއް ލިޔުއްވާފައެވެ. އެއީ ރާއްޖޭގައި މިހާތަނަށް އެންމެ ތަފްސީލުކޮށް ލިޔުއްވި އަދަބީ ފާޑުކިޔުންތަކެވެ.
މީގެ އިތުރުން ރާއްޖެ އިސްލާމްކޮށްދެއްވި ބޭފުޅަކީ ކޮބާކަމުގެ ބަހުސަށްވެސް މިހާތަނަށް އެންމެ ފުޅާކޮށް އިންސާފުކުރައްވައި ލިޔުއްވީ މުހައްމަދު ވަހީދު ނަދުވީއެވެ.
އޭނާ އަވަހާރަވީ އިރު ހުންނެވީ ދިވެހިބަހުގެ އެކެޑެމީގެ ތާރީޚު ބައިގެ ޑެޕިއުޓީ ޑިރެކްޓަރުގެ މަގާމުގައެވެ.