28 Dec 2018, 12:00
ޑާކާ (ޑިސެމްބަރު 28): ބަންގުލަދޭޝްގައި އާދިއްތަ ދުވަހު ބާއްވާ އާއްމު އިންތިހާބާ ދިމާކޮށް އެގައުމުގެ އިންޓަނެޓު ސްޕީޑް ދަށްކޮށްފި އެވެ.
ބަންގުލަދޭޝްގެ ޓެލެކޮމިއުނިކޭޝަން ރެގިއުލޭޓަރީ ކޮމިޝަން (ބީޓީއާރުސީ)އިން ބުނި ގޮތުގައި އިންޓަނެޓު ސްޕީޑް ދަށް ކުރަން ނިންމީ 'ޕްރޮޕަގަންޑާ އާއި ސައްހަ ނޫން މައުލޫމާތު' ފެތުރުން ހުއްޓުވުމަށްޓަކަ އެވެ.
"ބުރާސްފަތި ދުވަހުގެރޭ 3ޖީ އާއި 4ޖީ ހިދުމަތް ވަގުތީ ގޮތުން މެދުކަނޑާލަން އަޅުގަނޑުމެން އެންގިން. އެކަން ކުރީ ޕްރޮޕަގަންޑާ އާއި ތެދު ނޫން މައުލޫމާތު އިންޓަނެޓުގައި ފެތުރުން ހުއްޓުވުމަށް،" ބީޓީއާރުސީން ބުންޏެވެ.
އެއިދާރާއިން ބުނި ގޮތުގައި އިންޓަނެޓް ސްޕީޑް ދަށްކޮށްފައި އޮންނަތާ 10 ގަޑި އިރު ފަހުން މިއަދު ހެނދުނު ސްޕީޑް ވަނީ މަތިކޮށްފަ އެވެ. ނަމަވެސް މިރޭ އަނެއްކާ ވެސް ސްޕީޑް ދަށްކުރުމަކީ އެކަށީގެންވާ ކަމެކެވެ.
ބަންގުލަދޭޝްގައި އާދިއްތަ ދުވަހު ބާއްވާ އާއްމު އިންތިހާބުގައި ބޮޑުވަޒީރު ޝޭހް ހަސީނާ ހަތަރު ވަނަ ދައުރަކަށް ވާދަ ކުރައްވަ އެވެ. އެކަމަނާއާ އެންމެ ގާތުން ވާދަ ކުރާނެ ކަމަށް ބެލެވެނީ ބަންގުލަދޭޝް ނެޝަނަލް ޕާޓީ (ބީއެންޕީ)ން ހަދާފައިވާ ކޯލިޝަނުންނެވެ.
ބީއެންޕީގެ ލީޑަރު ޚާލިދާ ޒިއާ ވަނީ މިއަހަރު ކޮރަޕްޝަނުގެ ދައުވާގައި 17 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފަ އެވެ. އެޕާޓީން ވަނީ އިންތިހާބާ ދިމާކޮށް އިދިކޮޅު 10،500 އަށް ވުރެ ގިނަ އެކްޓިވިސްޓުން ހައްޔަރުކޮށްފައިވާ ކަމަށް ބުނެފަ އެވެ.
މިމަހުގެ ކުރީކޮޅު ބީޓީއާރުސީން ވަނީ ބީއެންޕީގެ ވެބްސައިޓާއި އެޕާޓީއަށް ތާއިދު ކުރާ 53 އާ ވެބްސައިޓުތައް ބްލޮކްކޮށްފަ އެވެ.