03 Oct 2011, 11:32
މާލެ އާއި މާމިގިއްޔާ ދެމެދު މީގެ ދެ ދުވަސް ކުރިން ފެށި ވިލާ އެއާ ޕްރައިވެޓް ލިމިޓެޑުގެ އެއާލައިން "ފްލައިމީ"ގެ ޓިކެޓްގެ އަގުތައް އާންމުކޮށްފި އެވެ.
ވިލާ އެއާގެ ކޮމާޝަލް މެނޭޖަރު ސޮބާހް ރަޝީދު މިއަދު ވިދާޅުވީ ފްލައިމީގެ އެއްކޮޅު ޓިކެޓެއް 512ރ. އަށް ވިއްކާއިރު ދެކޮޅު ޓިކެޓެއްގެ އަގަކީ 932ރ. ކަމަށެވެ.
އަށާރަ އަހަރުގެ މަސައްކަތަށް ފަހު ހުޅުވި ވިލާ އެއާޕޯޓުގެ ދަތުރުތަކުގެ ޓިކެޓް ލިބެން ހުންނާނީ އިބްރާހިމް ނާސީރު އެއާޕޯޓުގައި ހުންނަ އެ އެއާލައިންގެ އޮފީހުންނާއި އަދި މާމިގިލީގައި ހުންނަ ފުލައިމީގެ އޮފީހުން ކަމަށް ސޮބާހު ވިދާޅުވި އެވެ.
"މިވަގުތު އެހެން އެއްވެސް ތަނަކުން އެޖެންޓެއް މެދުވެރިކޮށް އަދި އެއްވެސް ތަނަކަށް ޓިކެޓް ވިއްކަން ނުފަށަން،" ސޮބާހު ވިދާޅުވި އެވެ.
ސޮބާހު ވިދާޅުވީ ނޮވެމްބަރު މަހާއި ޑިސެމްބަރު މަހުތެރޭގައި އެހެން ސަރަހައްދުތަކަށް ދަތުރު ފަށާނެ ކަމަށާއި އަދި އެ ސަރަހައްދުތަކުގެ ޓިކެޓްގެ އަގުތައް ކުރިއަށް އޮތް ހަފްތާއެއް ތެރޭ އާންމު ކުރާނެ ކަމަށެވެ.
"އެހެނިހެން ބަނދަރުތަކުގެ ތެރެއިން އަޅުގަނޑުމެން ފުރަތަމަ ދަތުރު ކުރާނީ ސ. ގަމަށާއި ގދ. ކާޑެއްދު އަށް. ހަނިމާދޫ އާއި ކައްދުއަށް ޕްލޭން ކުރެވެނީ ތަންކޮޅެއް ފަހުން،" ސޮބާހު ވިދާޅުވި އެވެ.
އދ. މާމިގިލީގައި އެއާޕޯޓް ހެދުމުގެ ހިޔާލު އެ ރަށަށް ނިސްބަތްވެވަޑައިގަންނަވާ މަޝްހޫރު ވިޔަފާރިވެރިޔާ، ވިލާ ގްރޫޕްގެ ޗެއާމަން ގާސިމް އިބްރާހިމް ސަރުކާރަށް ހުށަހެޅުއްވީ 1993 ވަނަ އަހަރެވެ.
ސާޅީސް މިލިއަން ޑޮލަރަށް ވުރެ ބޮޑު ހަރަދެއް ކޮށްގެން ވިލާ އެއާގެ ހިދުމަތްތައް މިދިޔަ ހޮނިހިރު ދުވަހު ރަސްމީކޮށް ފަށާފަވާ އިރު، މިހާރު ވިލާގެ ދަތުރުތަކަށް ބޭނުންކުރަނީ 46 މީހުންގެ ޖާގައިގެ ދެ ބޯޓެވެ. ކުންފުނި ފުޅާވަމުންދާ ވަރަކަށް އިތުރު ބޯޓުތައް ގެނެސް، އާ މަންޒިލްތަކަށް ދަތުރު ފަށާނެ ކަމުގެ ޔަގީންކަން ވިލާއިން ވަނީ ދީފަ އެވެ.