ދިމިޝްގު (ޑިސެމްބަރު 28): ސީރިއާގެ ވެރިރަށް ދިމިޝްގުގައި ހުންނަ ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)ގެ އެމްބަސީ ބަންދުކޮށްފައި ހުންނަތާ ހަތް އަހަރު ފަހުން ހުޅުވައިފިއެވެ.

ސީރިއާގައި ހުންނަވާ ޔޫއޭއީގެ އެމްބެސެޑަރު އަނބުރާ ގައުމަށް ގެންގޮސް، އެމްބަސީ ބަންދު ކުރީ 2011 ވަނަ އަހަރު ގިނަ އަދަދެއްގެ މީހުން ރައީސް ބައްޝާރުލް އަސަދާ ދެކޮޅަށް މުޒާހަރާ ކުރަން ފެށުމުންނެވެ.

އެމުޒާހަރާތައް ފަހުން ވަނީ ހަނގުރާމައަކަށް ބަދަލުވެ، އޭގެ ސަބަބުން 400،000 އަށް ވުރެ ގިނަ މީހުން މަރުވެ މިލިއަނަށް ވުރެ ގިނަ މީހުންގެ ގެދޮރު ވަނީ ނެތިފަ ގޮސްފައެވެ.

އެ ހަނގުރާމައަށް ހަތް އަހަރުވެފައިވާ އިރު، ސީރިއާ ސަރުކާރުން މިހާރު ވަނީ އެ ގައުމުގެ ގިނަ ސަރަހައްދުތަކުން އިދިކޮޅު ފަރާތްތަކުގެ ބާރު ކަނޑުވާލާފައެވެ. އެހެންކަމުން ޔޫއޭއީން ވަނީ ދިމިޝްގުގައި އަލުން އެގައުމުގެ އެމްބަސީ ހުޅުވައި، ވަގުތީ ގޮތުން އެމްބަސީ ހިންގަވާނެ ފަރާތެއްވެސް އައްޔަންކޮށްފައެވެ.

ޔޫއޭއީން ބުނި ގޮތުގައި އެމްބަސީ އަލުން ހުޅުވީ ދެ ގައުމުގެ ގުޅުން އަލުން ބަދަހި ކުރުމަށާއި މިވަގުތު ސީރިއާގައި އަރަބިން ކުޅޭ ދައުރު އިތުރުކުރަން ޖެހޭތީއެވެ.

މީގެ ކުރިން ޔޫއޭއީން ވަނީ ސީރިއާގައި ހަނގުރާމަ ކުރަމުންދާ އިދިކޮޅު ފަރާތްތަކަށް އެއްބާރުލުން ދީފައެވެ. އަދި ރައީސް އަސަދުގެ ފައުޖުތަކަށް ރަޝިއާ އާއި އީރާނާއި ލުބުނާނުގެ ހިޒްބުﷲ ޖަމާއަތުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

އެހަނގުރާމައާ ގުޅިގެން އަރަބި ގައުމުތަކުން ކުރިން އެކަހެރިކޮށްފައި އޮތް ސީރިއާއަށް މިދިޔަ ހަފްތާގައި ސޫދާންގެ ރައީސް އުމަރުލް ބަޝީރު ވަނީ ޒިޔާރަތް ކުރައްވާފައެވެ. އެއީ ސީރިއާ ހަނގުރާމަ ފެށުނު ފަހުން، އަރަބި ލީގަށް ނިސްބަތްވާ ގައުމެއްގެ ލީޑަރަކު އެގައުމަށް ވަޑައިގަތް ފުރަތަމަ ފަހަރެވެ.

އަދި މިހާރު ސީރިއާ އާއި އުރުދުންއާ ދެމެދު އޮންނަ ބޯޑަރު ހުޅުވާލުމާ ގުޅިގެން، އަރަބި ގައުމުތަކުން ސީރިއާއާ އަލުން ގުޅުން ބަދަހި ކުރަން ތައްޔާރުވަމުންދާކަމުގެ ރިޕޯޓުތައް ވަނީ ފެތުރިފައެވެ.