30 Dec 2018, 10:59
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ތިލަފުށި ހިއްކުމުގެ މަޝްރޫއު ހަވާލުކުރި ހެވީލޯޑް މޯލްޑިވްސް ކުންފުންނިން ތިލަފުށި ނުހިއްކި، ރައީސް ނަޝީދުގެ ސަރުކާރުންނާއި ރައީސް އަބްދުﷲ ޔާމިންގެ ސަރުކާރުން މުޅި ޖުމްލަ 162 މިލިޔަން ރުފިޔާގެ ބޮޑު ފައިދާ ލިބިފައިވާ ކަމަށް އޮޑިޓް ރިޕޯޓުން ހާމަ ވެއްޖެ އެވެ.
ތިލަފުށީގެ ދެ ވަނަ ފޭސް ހިއްކަން 2010 ވަނަ އަހަރު ސެޕްޓެމްބަރު މަހު ހަވާލުކޮށްފައި ވަނީ ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާ މެމްބަރު މޫސާ މަނިކުގެ މަސްލަހަތު އޮންނަ ހެވީލޯޑް ކުންފުންޏަށެވެ.
ރިޔާސީ އިންތިހާބަށް ފަހު ޕީޕީއެމްއަށް ލިބުނު ނާކާމިޔާބަށް ފަހު، އެޕާޓީ އިން ވަކިވެވަޑައިގެންނެވި މޫސާ މަނިކުގެ މަސްލަހަތު ހިމެނޭ ހެވީ ލޯޑަށް ތިލަފުށީގެ ދެ ވަނަ ފޭސް ހިއްކުމުގެ މަޝްރޫއު 21 މިލިއަން ޑޮލަރު (323 މިލިއަން ރުފިޔާ) އަށް ދިނީ 156 ހެކްޓަރުގެ ބިން ހިއްކާށެވެ.
ސެޕްޓެމްބަރު 30، 2010ގައި ކުރި އެގްރިމެންޓްގައިވާ ގޮތުން ނަމަ ބިން ހިއްކައި ނިންމަން ޖެހެނީ ހަތް މަސް ދުވަހުގެ ތެރޭގައި، އެޕްރީލް 25، 2011 އަށެވެ. ނަމަވެސް ހެވީ ލޯޑަށް ނިންމާލެވުނީ މަޝްރޫއުގެ 13 ޕަސަންޓް (24 ހެކްޓަރު) އެވެ.
ހެވީ ލޯޑަށް ތިލަފުށި ހިއްކުމުގެ މަޝްރޫއު ނުނިމި އެންމެ ފަހުން އޮކްޓޯބަރު 13، 2011ގައި އެ މަސައްކަތް ވަގުތީ ގޮތުން ހުއްޓާކަން ޓީސީއެލް އާއި ހެވީ ލޯޑާ ދެމެދު އެއްބަސްވުމެއް ހެދި އެވެ.
ތިލަފުށި ނުހިއްކި، ރައީސް ނަޝީދާއި ރައީސް ޔާމިންގެ ސަރުކާރުން ވެސް ހެވީލޯޑަށް ބޮޑު ފާއިދާއެއް!
އޮޑިޓާ ޖެނެރަލް އޮފީހުން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު ތިލަފުށި ބިން ހިއްކުމުގެ މަޝްރޫއާ ގުޅޭ ހާއްސަ އޮޑިޓް ރިޕޯޓުން އެނގޭ ގޮތުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވެސް ހެވީލޯޑް ކުންފުންޏަށް ވަނީ ބޮޑެތި ފައިދާތަކެއް ލިބިފަ އެވެ.
ރައީސް ނަޝީދުގެ ސަރުކާރު:
ރައީސް ނަޝީދުގެ ސަރުކާރުން، ތިލަފުށި ކޯޕަރޭޝަން ލިމިޓެޑް(ޓީސީއެލް) އިން އެ މަޝްރޫއު ބިޑަށް ހުޅުވާލުމުން ޕްރޮޕޯސަލް ހުށަހެޅި ކުންފުނިތަކުގެ ތެރެއިން ޓީސީއެލްގެ މާލީ ހާލަތަށް ރިއާޔަތްކުރާ އިރު އެ ކުންފުންޏަށް އެންމެ ފާއިދާ ބޮޑީ ސަރުކާރު ކުންފުނި، އެމްޓީސީސީ އިން ހުށަހެޅި ޕްރޮޕޯސަލް އިން ކަމަށް އޮޑިޓް ރިޕޯޓް އިން އެނގެ އެވެ.
އެމްޓީސީސީ އާއި ހެވީލޯޑުން ހުށަހެޅި ޕްރޮޕޯސަލްއަށް ބަލާއިރު ހެވީލޯޑު އިން ހުށަހެޅީ އެމްޓީސީސީ އަށް ވުރެ 107 މިލިއަން ރުފިޔާ އަށް ވުރެ ބޮޑު އަގެއްކަން އޮޑިޓް ރިޕޯޓުން އެނގެ އެވެ.

ތިލަފުށި ހިއްކުމަށް ޕްރޮޕޯސަލް ހުށަހެޅި ތިން ކުންފުނީގެ ޕްރޮޕޯސަލް --
ސަރުކާރަށް ގެއްލުންވާ ގޮތަށް، ހެވީލޯޑަށް ބޮޑު ފައިދާއެއްވާ ގޮތަށް ބިޑު އެ ކުންފުންޏަށް ކާމިޔާބުވުމަށް ފަހު، މަޝްރޫއުގެ ހުރިހާ ނިންމުމެއް ނިންމަމުން ދިޔައީ ޓީއެލްސީގެ ސަބް ކޮމިޓީއަކުންނެވެ.
ޓީސީއެލްގެ ހިންގާ ގަވާއިދުގެ ދަށުން ކުންފުނީގެ ބޮޑެތި މަޝްރޫޢުތަކާ ގުޅުން ހުރި ކަންކަން ނިންމަންޖެހެނީ ކުންފުނީގެ ބޯޑުގެ އިއްތިފާގުން ނެވެ. ނަމަވެސް އޮޑިޓް ރިޕޯޓުން ފާހަގަ ކޮށްފައިވާ ގޮތުގައި މަޝްރޫއާ ގުޅުން ހުރި އެންމެހާ ކަންކަން ކުންފުނީގެ ހިންގާ ގަވާއިދާ ޚިލާފަށް ހިންގީ ކުންފުނީގެ ބޯޑުގެ ސަބް ކޮމިޓީއަކުން ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
ރައީސް ޔާމިންގެ ސަރުކާރު:
އޮކްޓޯބަރު 2011 ގައި މަޝްރޫއު ވަގުތީ ގޮތުން ހުއްޓާލީ ޓީސީއެލް އާއި ހެވީ ލޯޑާ އެކު އެއްބަސްވުމެއްގެ ދަށުން ކަމަށް ވެފައި، އަދި މަސައްކަތް އަލުން ނުފަށައިފި ހާލަތެއްގައި، އެއްވެސް ބަދަލެއް ދިނުމެއް ނެތި އެއްބަސްވުން އުވާލުމުގެ ޖާގަ ޓީސީއެލް އަށް ލިބިގެންވާ ކަމަށް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
އަދި އެހާލަތުގައި އެއްބަސް ވުން އުވާލާ އިރު އެއްވެސް ބަދަލެއް ހޯދަން ޓީސީއެލްގެ މައްޗަށް ދައުވާނުކުރޭނެ ކަމަށް މަޝްރޫއުގެ އެއްބަސްވުމުގައި ބުނެފައިވާ ކަމަށް، އޮޑިޓް ރިޕޯޓްގައިވެ އެވެ.
ނަމަވެސް ރައީސް ޔާމިންގެ ސަރުކާރުން އެއްބަސްވުން އުވާލުމުން ހެވީލޯޑަށް ފާއިދާވާ ގޮތަށް އެ ކުންފުންޏަށް ދޭން ނުޖެހޭ ބޮޑު ބަދަލެއް ދިނުމަށް ނިންމި ކަމަށް އޮޑިޓް ރިޕޯޓުން އެނގެ އެވެ.
އަދި ބަދަލު ދިނުމަކާ ނުލާ ޓީއެލްސީ އިން އެއްބަސް އުވާލެވެން އޮތް އިރު، 30 ޑިސެމްބަރު 2014ގައި އެއްބަސްވުން އުވާލައި ހެވީ ލޯޑަށް ބަދަލު ދިނުމަށް ނިންމުމަކީ އެންމެ ޒިންމާދާރުކޮށް އަދި ޓީސީއެލް އަށް އެންމެ މަންފާ ހުރި ގޮތަށް ނިންމާފައިވާ ނިންމުމެއް ނޫން ކަމަށް ވެސް އޮޑިޓްގައި ބުނެފައިވެ އެވެ.
އޮޑިޓް ރިޕޯޓްގައި ބުނެފައިވާ ގޮތުގައި، އެކޮނަމިކް މިނިސްޓްރީން ނޮވެމްބަރު 24، 2014 ނިންމީ، ހެވީ ލޯޑަށް ބަދަލުގެ ގޮތުގައި 35 މިލިއަން ރުފިޔާ ދިނުމާ އެކު، ތިލަފުށިން ކުއްޔަށް ހެވީލޯޑުން ނަގާފައިވާ ތިން ބިމެއްގެ ކުއްޔާއި ޖޫރިމަނާއާ އެކު ދައްކަންޖެހޭ 1.4 މިލިއަން ރުފިޔާ މަޢާފުކުރާ ގޮތަށް ހެވީލޯޑާއެކު އެއްބަސްވި ކަމަށެވެ.
އަދި ގެއްލުމުގެ ބަދަލު ދިނުމަށް ހެވީލޯޑާއި އެކޮނޮމިކް މިނިސްޓްރީއާ އެކު ބޭއްވި ބައްދަލުވުމުގައި އެއްވެސް ވަރަކަށް ވާހަކަ ދެކެވިފައިނުވާ ބަދަލުތަކެއް ޓޫރިޒަމް މިނިސްޓްރީ މެދުވެރިވެގެން ހެވީލޯޑަށް ދީފައިވާ ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެ އެވެ.
އެ ގޮތުން ޓޫރިޒަމް މިނިސްޓްރީއާ ދެމެދު ޑިސެންބަރު 18 2014ގައި ސޮއިކޮށްފައިވާ އެއްބަސްވުމެއްގެ ދަށުން ހެވީލޯޑަށް 62 މިލިއަން ރުފިޔާއަށް އަގުކުރެވިފައިވާ ލ. އަތޮޅު ތިން ރަށެއް 50 އަހަރަށް ކުޔަށް ދީފައިވާ ކަަން އެނގެން އޮވެ އެވެ.
އެއީ ލ. ބޮޑުހުރާ އާއި އެ ރަށާ ޖެހިގެން އޮންނަ ދެ ރަށް ކަމަށް ވާ ފަރެސް އާއި ކުޑަ ފަރެސް އެވެ.
އެމްޑީޕީ ޓިކެޓްގައި މަޖިލިސް އަށް ހޮވިވަޑައިގެނެންވި، އެޕާޓީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކުގެ ހިއްސާ ކުރިން ހެވީލޯގައި އޮތް ނަމަވެސް ފަހުން އޭނާ ވަނީ އެހިއްސާ ދޫކުރައްވައި، އޭނާގެ ދަރިންގެ މައްޗަށް ބަދަލުކުރައްވައިފަ އެވެ.
އޭނާ 2015 ވަނަ އަހަރުން ފެށިގެން ހުންނެވީ އޭރުގެ ސަރުކާރަށް ތާއީދު ކުރައްވާ މެމްބަރެއްގެ ގޮތުގައި އެވެ. އަދި ފަހުން 2017 ވަނަ އަަހަރު ޖުލައި މަހު ވަނީ ވެރިކަންކުރާ ޕާޓީ ޕީޕީއަށް ސޮއި ކޮށްފަ އެވެ.
އޮޑިޓް ރިޕޯޓުން ފާހަގަވި ބައެއް ކަންތައްތައް:
- ބިޑް ކާމިޔާބު ކުރި ހެވީލޯޑް ކުންފުނި މަޝްރޫއު ހިންގަން ހުށަހެޅީ އެމްޓީސީސީ އަށް ވުރެ 107 މިލިޔަން ރުފިޔާ އަށް ވުރެ އަގު ބޮޑުކޮށް
- މަޝްރޫއާ ގުޅުން ހުރި އެންމެހާ ކަންކަން ކުންފުނީގެ ހިންގާ ގަވާއިދާ ޚިލާފަށް ކުންފުނީގެ ބޯޑުގެ ސަބްކޮމިޓީ އިން ނިންމުން
- މަޝްރޫއޫގެ މަސައްކަތް ހެވީލޯޑާ ހަވަލުކުމަށް ފަހު، ޓީއެލްސީ އިން މަޝްރޫއުއަށް ފައިނޭސް ކުރާ ގޮތަށް ބަދަލު ގެނައުން
- އެޑްވާންސް ޕޭމަންޓަށް 38 މިލިއަން ރުފިޔާ ދީފައިވޭ.
- އެއީ ޕްރޮޕޯސަލްގައި ހުށަހެޅި އެޑްވާސަށް ވުރެ ބޮޑު އަގެއް، އަދި އެވަރުގެ ބޮޑު އަދަދެއް ދިނީ އެގްރިމެންޓްގައި ވާ ގޮތަށް އެވަރުގެ ގެރެންޓީއެއް ހެވީ ލޯޑުން ބެހެއްޓުމެއް ނެތި
- އެގްރިމަންޓާ ހިލާފަށް ހެވީލޯޑުން ގެރެންޓީއެއްގެ ގޮތުގައި ދިނީ 1.8 މިލިއަން ޑޮލަރު ޖެހޭ ކަމަށް އަގުކޮށްފައިވާ އެ ކުންފުނީގެ ތިން އުޅަނދު
- ގަވާއިދާ ހިލާފަށް ޓީއެލްސީގެ އޭރުގެ މެނޭޖިން ޑިރެކްޓަރު، ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) މެދުވެރިކޮށް ހެވީލޯޑަށް ކްރެޑިޓަށް 5 މިލިއަން ރުފިޔާގެ ތެޔޮ ދީފައިވޭ.
- ތިލަފުށީ ހިއްކަން ކްރެޑިޓަށް ދިން ތެލުގެ 85 ޕަސެންޓް ހެވީލޯޑްގެ އެހެން މަޝްރޫއުއަކަށް ބޭނުންކޮށްފައިވޭ
- ހެވީލޯޑުން ފުރިހަމަކޮށް ނިންމާފައިވާ މަސައްކަތުގެ ދޭން އަގަށް ޖެހޭ ފައިސާ އަށްވުރެ އިތުރަށް 1.38 މިލިއަން ޑޮލަރާ އެއްވަރުގެ ދިވެހި ރުފިޔާ ޓީސީއެލް އިން ހެވީލޯޑަށް ފައިސާ ދީފައިވޭ
- އެއްބަސްވުން އުވާލުމުން، ހެވީލޯޑަށް ބަދަލުގެ ގޮތުގައި 35 މިލިއަން ރުފިޔާ އާއެކު ތިލަފުށިން ކުއްޔަށް ހެވީލޯޑުން ނަގާފައިވާ ތިން ބިމެއްގެ ކުއްޔާ ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ 1.4 މިލިއަން ރުފިޔާ މަޢާފު ދިނުމަށް އެކޮނިމިކް މިނިސްޓްރީން އެއްބަސްވެފައިވޭ
- އެއްބަސްވުން އުވާލުމުން، ބަދަލެއްގެ ގޮތުގައި ހެވީލޯޑަށް 62 މިލިއަން ރުފިޔާއަށް އަގުކުރެވިފައިވާ ތިން ރަށް ދިނުމަށް ޓުއަރިޒަމް މިނިސްޓްރީން އެއްބަސްވެފައިވޭ
މި އޮޑިޓް ރިޕޯޓާ ގުޅިގެން މޫސަގެވެސް އަދި ހެވީލޯޑްގެ ބަހެއްވެސް ވަނީ ލިބޭ ގޮތް ނުވެފައެވެ.