03 Oct 2011, 11:24
ސްޕެނިޝް ލަލީގާއި ރޭ ސްޕޯޓިންގް ގިޖޯން އަތުން ހޯދުނު ހަނި މޮޅާއެކު ބާސެލޯނާ އެއްވަނަ އަށް ޖެހިލި އިރު، ހިގުއައިންގެ ހެޓްރިކަކާ އެކު އެސްޕާނިޔޯލް އަތުން ރެއާލް މެޑްރިޑަށް ފަސޭހަ ކަމާއެކު މޮޅުވެއްޖެ އެވެ.
ސްޕޯޓިންގް ގިޖޯން އާއި ވާދަކޮށް ބާސެލޯނާ މެޗު ކާމިޔާބުކުރީ 1-0 ލަނޑުންނެވެ. މެޗުގައި މޮޅު ކުޅުމެއް ދައްކައި ގިނަ ފުރުސަތުތަކެއް ހޯދާފައިވާ ބާސާގެ ހަމައެކަނި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ އެޑްރިއާނޯ އެވެ. އެޑްރިއާނޯ މިލަނޑު ކާމިޔާބުކުރީ މެޗުގެ ބާރަ ވަނަ މިނެޓުގަ އެވެ.
އެސްޕާނިޔޯލް އަތުން ރެއާލް މެޑްރިޑް މޮޅުވީ 4-0 ލަނޑުންނެވެ. ރަށުން ބޭރުގައި މޮޅުވި މިމެޗުގެ ފުރަތަމަ ލަނޑު ރެއާލް މެޑްރިޑަށް ގޮންޒާލޯ ހިގުއައިން ޖަހައިދިނީ މެޗުގެ 17 ވަނަ މިނެޓުގަ އެވެ. މިލަނޑާއެކު ފުރަތަމަ ހާފު ނިމުނު އިރު، މެޗުގެ 66 ވަނަ މިނެޓުގައި ހިގުއައިން ވަނީ އިތުރު ލަނޑެއް ކާމިޔާބު ކޮށްފަ އެވެ. 82 ވަނަ މިނެޓުގައި ހޯސޭ މާއިރޔާ ކަލެޖޮން ވަނީ ރެއާލް މެޑްރިޑަށް ލީޑު ފުޅާކޮށް ދީފަ އެވެ. ހިގުއައިން ގެ ހެޓްރިކު ފުރިހަމަ ކުރީ މެޗުގެ 89 ވަނަ މިނެޓުގަ އެވެ. މިމެޗުން ރެއާލް މޮޅުވީ 4-0 ލަނޑުންނެވެ.
ތާވަލުގެ އެއްވަނާގައި ކުރިން އޮތް ރެއާލް ބެޓިސް ބަލިކޮށް ލެވަންޓޭ ވަނީ ޕޮއިންޓް ތާވަލުގެ ދެވަނަ އަށް ޖެހިލާފައެވެ. މެޗުގެ ހަމައެކަނި ލަނޑު 33 ވަނަ މިނެޓުގައި ކާމިޔާބުކުރީ ޖުއާންލޫ އެވެ. މިމެޗު ނިމިގެންދިޔައީ 1-0 ލަނޑުން ލެވަންޓޭ ކުރީގައި އޮވެގެންނެވެ.
ފެނާންޑޯ ލޮރެންޓޭގެ ދެ ލަނޑުން އެތްލެޓިކޯ ބިލްބާއޯ ވަނީ ރެއާލް ސޮސިއެޑާޑްގެ މައްޗަށް ކުރި ހޯދާފަ އެވެ. ބިލްބާއޯ އަށް ލޮރެންޓޭ ލީޑު ހޯދައިދިނީ މެޗުގެ 34 ވަނަ މިނެޓުގަ އެވެ. މިނަތީޖާއާ އެކު ފުރަތަމަ ހާފު ނިންމާލި އިރު، މެޗުގެ 61 ވަނަ މިނެޓުގައި އިނިގޯ މާޓިނޭޒް ރެއާލް ސޮސިއެޑާޑަށް ލަނޑެއް ކާމިޔާބުކޮށްދީ ނަތީޖާ ހަމަހަމަ ކޮށްދިނެވެ. އޭގެ ނުވަ މިނެޓް ފަހުން ލޮރެންޓޭ އަލުން ބިލްބާއޯ އަށް ލީދު ހޯދައިދިނެވެ. މިމެޗު ނިމިގެންދިޔައީ 2-1 ލަނޑުން އެތްލެޓިކް ބިލްބާއޯ ކުރީގައި އޮވެގެންނެވެ.
އެތްލެޓިކޯ މެޑްރިޑް އާއި ސެވިއްޔާ ބައްދަލުކުރި މެޗު ނިމިގެންދިޔައީ 0-0 ލަނޑުން ދެޓީމު އެއްވަރު ވެގެންނެވެ. މިމެޗު ފާހަގަ ވެގެންދިޔައީ ރީނދޫ ކާޑު ގިނަ މެޗެއްގެ ގޮތުގައެވެ. މިމިޗުގައި ދެއްކި އެގާރަ ރީނދޫ ކާޑުގެ ތެރެއިން ހަ ރީނދޫ ކާޑު ސެވިއްޔާ އަށް ދެއްކި އިރު، އަނެއް ފަސް ރީނދޫ ކާޑު ދެއްކީ އެތްލެޓިކޯ މެޑްރިޑަށެވެ.
ސްޕެނިޝް ލަލީގާގެ ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތީ ބާސެލޯނާ އެވެ. ބާސެލޯނާ އަށާއި ދެވަނާގައި އޮތް ލަވެންޓޭ ޕޮއިންޓުގެ ގޮތުން އެއްވަރުވީ ނަމަވެސް ބާސާއަށް ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ. ތިންވަނާގައި އޮތް ރެއާލް މެޑްރިޑާއި ހަތަރު ވަނާގައިވާ މަލާގާ އަދި ފަސްވަނާގައިވާ ވެލެންސިއާ އަށް ވެސް ލިބިފައިވަނީ ތޭރަ ޕޮއިންޓެވެ.