27 Dec 2018, 20:08
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ވަޒީފާ އިން ވަކިކުރި ގ. ފެންއާރު، މުހައްމަދު އާސިފަށް ވަޒީފާ ދިނުމަށް ސިވިލް ކޯޓުން ހުކުމް ކޮށްފިއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި އާސިފް ވަޒީފާ އިން ވަކިކުރީ މިދިޔަ ޖުލައި މަހުގެ ފުރަތަމަ ދުވަހުއެވެ. ވަޒީފާ އިން ވަކިކުރުމާ ހަމައަށް 2017 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން އޭނާ ބަހައްޓާފައި ހުރީ ސަސްޕެންޝަންގައެވެ.
ސިވިލް ކޯޓުން މިއަދު ކުރި ހުކުމްގައި ވަނީ އާސިފް ކުރި ދައުވާއަށް ދައުލަތުން އިއުތިރާފުވެފައިވާ ކަމަށެވެ.
އާސިފް ވަޒީފާ އިން ވަކިކޮށްފައި ވަނީ ފިޔަވަޅު އެޅުމުގައި ފުރިހަމަކުރަންޖެހޭ އިޖުރާއަތުތައް ފުރިހަމަކުރުމެއްނެތި، ގަވާއިދާ ޚިލާފަށް ކަމަށް ކަރެކްޝަނަލް ސާވިސް އިން ގަބޫލުކުރާ ކަމަށް ދައުލަތުން ބުނެފައިވާ ކަމަށް އެ ހުކުމްގައިވެއެވެ.
ވަޒީފާ އިން ވަކިކުރިއިރު، އާސިފް ހުރި މަގާމު ކަމުގައިވާ ސުޕްރިންޓެންޑެންޓް އޮފް ޕްރިޒަންސްގެ މަގާމު ރުޖޫއަކޮށްދިނުމަށް ވެސް ސިވިލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
އޭނާ ވަޒީފާ އިން ވަކިކުރި ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް ހޭދަވި މުއްދަތުގައި މުސާރަ އާއި އެހެނިހެން އިނާޔަތުގެ ގޮތުގައި ލިބެންޖެހޭ ޖުމްލަ 324،408 ރުފިޔާ މިއަދުން ފެށިގެން 12 މަސް ދުވަހުގެ ތެރޭގައި، ކޮންމެ މަހަކުވެސް އެ މަހަކަށް ޖެހޭވަރުގެ މަދުނޫން އަދަދެއް ސިވިލް ކޯޓަށް ދައްކައި ޚަލާސްކުރުމަށް އެ ހުކުމްގައި ކަރެކްޝަންސްއަށް ވަނީ އަންގާފައެވެ.
އާސިފް ވަޒީފާ އިން ވަކިކުރި ދުވަހުން ފެށިގެން ވަޒީފާދޭ ދުވަހާ ހަމައަށް ހިނގާފައިވާ މުއްދަތަކީ ޚިދުމަތުގެ މުއްދަތު ކަމުގައި ބެލުމަށް ވެސް އެ ހުކުމްގައި ކަރެކްޝަންސް އަށް ވަނީ އަންގާފައެވެ.