27 Dec 2018, 22:23
އުރީދޫގެ 100 އެމްބީޕީއެސް ލިބޭ ހަލުވި ސްޕީޑްގެ ސުޕަނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ޚިދުމަތް ދ. ކުޑަހުވަދޫއަށް މިއަދު ތައާރަފްކޮށްފިއެވެ.
މިއަދު ދ. ކުޑަހުވަދޫއަށް ތައާރަފް ކުރެވުނު ސުޕަނެޓް ފިކްސް ބްރޯޑްބޭންޑާއެކު އެކުންފުނިން މިހާރު ރާއްޖޭ އާބާދީގެ 60 ޕަސަންޓް އަށް މި ހިދުމަތް ލިބިގެންދާނެއެވެ.
އުރީދޫ އިން ބުނީ މުޅި ރާއްޖެއަށް ހަލުވި ސްޕީޑުގެ ބްރޯޑްބޭންޑް ތައާރަފްކުރުމަށް އެކުންފުނިން ކުރަމުންދާ މަސައްކަތުގެ ތެރެއިން އުރީދޫ ސުޕަރނެޓްގެ ޚިދުމަތް 2016 ވަނަ އަހަރު މެއި މަހުގައި ތައާރަފް ކުރުމަށްފަހު، މުޅި ރާއްޖެއަށް މިޚިދުމަތް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރެވެމުން ކަމަށާއި އެގޮތުން މިޚިދުމަތް ކުޑަހުވަދުއަށް ތަޢާރަފް ކުރެވިގެން ދިއުމާއެކު ރާއްޖޭގެ އާބާދީގެ 60 އިންސައްތައަށް މިހާރު ސުޕަރނެޓްގެ ޚިދުމަތް ލިބިގެންދާނެ ކަމަށެވެ.
"ޒަމާނީ ތަރައްޤީ އާއި ހަމައަށް ވާސިލުވުމަށް އެންމެ މުހިއްމު އެއް ޚިދުމަތަކީ އިންޓަނެޓް ކަމަށްވުމާއި އެކު، އުރީދޫގެ އަމާޒަކީ ހަލުވި ސްޕީޑުގެ އިންޓަނެޓްގެ ޚިދުމަތް ރާއްޖޭގެ އެންމެހާ ހިސާބުތަކަށް ފޯރުކޮށްދިނުން. ރައްޔިތުންނަށް އިޤްތިސޯދީ އަދި އިޖްތިމާއީ ކުރިއެރުން ހޯދައިދިނުމަށް އަޅުގަނޑުމެން ކުރަމުންދާ މިފަދަ މަސައްކަތްތައް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައިވެސް ކުރަމުންދާނަން،" އުރީދޫގެ ޑައިރެކްޓާ ސޭލްސް އެންޑް ބްރޭންޑް ހުސައިން ނިޔާޒު ވިދާޅުވި އެވެ.
ސުޕަރނެޓްގެ ޚިދުމަތް ކުޑަހުވަދުއަށް ތަޢާރަފްކުރުމާއިއެކު، މި މަސް ނިމުމުގެ ކުރިން ސުޕަނެޓް ހިޔާރު ކުރައްވާ ކުޑަހުވަދޫގެ ކަސްޓަމަރުންނަށް ވަރަށް ހާއްސަ އޮފާއެއް ވެސް މިއަދު އެކުންފުނިން ވަނީ ތައާރަފް ކޮށްފައެވެ.
އަދި ކުޑަހުވަދޫ ރައްޔިތުންނަށް ހަލުވި ސްޕީޑުގެ އިންޓަނެޓް ހޯދުމުގައި އިތުރު ފަސޭހަކަމެއް ގެނެސްދިނުމުގެ ގޮތުން، އުރީދޫއިން ސުޕަނެޓްގެ ޚިދުމަތް ފޯރުކޮށްދިނުމުގައި އެއްވެސް ކަނެކްޝަން ފީ އެއް ނުހިމެނުމަށްވަނީ ހަމަޖައްސާފައެވެ.