27 Dec 2018, 18:43
ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ އެކްޝަން ޕްލޭންގައި ޕްލާސްޓިކް ފުޅި މަދުކުުރުމުގެ ގައުމީ ކެމްޕެއިންއެއް ފެށުމަށް ވެފައިވާ ވައުދުގެ ދަށުން އެއްފަހަރު ބޭނުންކޮށް އެއްލާލެވޭ ފެންފުޅީގެ ބަދަލުގައި، ގިނަ ފަހަރު ބޭނުންކުރެވޭ އަދި ތިމާވެެއްޓާ ރައްޓެހި ސުޕަރ ފެންފުޅި ތައާރަފްކޮށްފިއެވެ.
ކަލާފާނު ސްކޫލުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި މާލޭގެ 15 ސްކޫލަކަށް ވަނީ އެ ފުޅިތައް ހަވާލުކޮށްފައެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެ ސުފަރް ފެންފުޅި ރާއްޖޭގެ ތިން ސަރަހައްދެއްގެ ސްކޫލުތަކާ ހަވާލުކުރުމަށްވެސް ނިންމައިފައިވާ ކަމަށެވެ.
އެ ފުޅިތައް ފޯރުކޮށްދެނީ އެ މިނިސްޓްރީއާއި ޔުނިސެފް މެދުވެރިވެގެން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.

ސުޕަރ ފެންފުޅި ސްކޫލުތަކަށް ތައާރަފްކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: އެންވަޔަރަމަންޓް މިނިސްޓްރީ
ކުޑަކުދިންނަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ އެ ސުޕަރ ފެންފުޅިއަކީ ކެމިކަލްގެ ވިހަ މާއްދާއެއް ކަމަށްވާ ބީޕީއޭ ނުހިމެނެގޮތަށް ތައްޔާރުކޮށްފަައިވާ ފެންފުޅިއެކެވެ.
މިއަދު ތައާރަފް ކުރި ސުޕަރ ފެންފުޅި އަންނަ އަހަރު ރާއްޖޭގެ ހުރިހާ ސްކޫލުތަކުގެ ގްރޭޑް އެކަކަށް ވަންނަ ދަރިވަރުންނަށް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.
އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ ފޭސް އައުޓް ޕްލޭންއެއްގެ ދަށުން ސިންގަލް ޔޫސް ޕްލާސްޓިކްގެ ހުރިހާ ބާވަތެއް ރާއްޖެ އެތެތެކުރުމާއި ރާއްޖޭގައި އުފެއްދުން ހުއްޓުވުމަށް މިހާރު ނިންމައިފައިވާ ކަމަށެވެ. އަދި ބުނީ އެކަން ކުރާނެގޮތުގެ ސްޓެރެޓަޖީ އެކުލަވާލުމުގެ މަސައްކަތް މިހާރު ފަށައިފައިވާ ކަމަށެވެ.