03 Oct 2011, 11:20
އެފްއޭކަޕް ފުޓްބޯޅަ މުބާރާތުގައި ރޭ ރިވާސައިޑު ކޮޅަށް ވިކްޓަރީގެ އިބްރާހިމް ފަޒީލް (އޮއްޕޮ) ޖެހި ހަތަރު ލަނޑާ އެކު ސީޒަންގެ ލަނޑު ލިސްޓުގެ ކުރިއަށް އޮއްޕޮ ޖެހިލައިފި އެވެ.
އޮއްޕޮ ޖެހި ގޯލުގެ އަދަދު22 އަށް އެރިއިރު، ދެ ވަނާގައި އޮތީ 21 ލަނޑާ އެކު ވީބީ ސްޕޯޓްސްގެ އަލީ އަޝްފާގު (ދަގަނޑޭ) އެވެ.
ދިރާގް ދިވެހި ލީގް ނިމުނު އިރު އޮއްޕޮ ޖަހާފައި ވަނީ ޖުމްލަ 18 ގޯލެވެ. އަނެއް ހަތަރު ގޯލު ފެނުނީ، އެފް އޭ ކަޕް ކުއާޓާ ފައިނަލުގައި ރޭ ރިވާސައިޑާއި ބައްދަލުކޮށް ވިކްޓަރީ 7-1 ލަނޑުން މޮޅުވި މެޗުގަ އެވެ. ރޭގެ މެޗަށް އޮއްޕޮ ނުކުތް އިރު، އެނާ އޮތީ ދަގަނޑޭގެ ފަހަތުގައި 18 ގޯލާ އެކު އެވެ.
މިސީޒަނުގައި ކުރިއަށް އަދި ގައުމީ މުބާރާތާއި އެފްއޭ ކަޕްގެ ސެމީ ފައިނަލާއި ފައިނަލު މެޗު ވެސް އެބަ އޮތެވެ. އެހެންކަމުން މިދެމުބާރާތުގައި އޮއްޕޮ އަދި ދަގަނޑޭގެ ވާދަވެރިކަން ބޮޑުވެގެން ދާނެ އެވެ.
ގައުމީ މުބާރާތް ފެށުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 15 ވަނަ ދުވަހު އެވެ. މިމުބާރާތް ކުރިއަށް ދާނީ ދިރާގު ދިވެހި ލީގުގެ ގަދަ ހަތަރު ޓީމުގެ މެދުގަ އެވެ. ޤައުމީ މުބާރާތުގެ ފުރަތަމަ މެޗްގައި މިމަހުގެ 15 ވަނަދުވަހު ވިކްޓަރި އާއި ދެކޮޅަށް ޗެމްޕިއަން ވީބީ ނުކުންނަ އިރު، ދެ ވަނަ މެޗްގައި މިމަހުގެ 16 ވަނަ ދުވަހު ނިއުއާއި ދެކޮޅަށް މާޒިޔާ ނުކުންނާނެ އެވެ.