މި އަހަރުގެ އޮކްޓޫބަރު މަހު ރިލީޒްކުރި ސޯހަމް ޝާހުގެ 'ތުމްބާޑް' އަކީ މިހާތަނަށް އުފެއްދި އެންމެ މޮޅު އަދި ބިރުވެރި ފިލްމުގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރެއެވެ.

އިންސާނުންގެ ދަހިވެތިކަން ހާމަކޮށްދޭ އެ ފިލްމު މުޅިން ނިންމައި ރިލީޒްކުރުމަށް ހަ އަހަރު ދުވަހުގެ ދިގު މުއްދަތެއް ހޭދަވިއެވެ. ފިލްމު އުފެއްދުމަށް ހޭދަވި ވަގުތު ކިތަންމެ ގިނަ ނަމަވެސް، ނަތީޖާ ވަރަށް ފޮންޏެވެ.

އެ ފިލްމަށް ބެލުންތެރިންނާއި ކްރިޓިކްސްގެ ތަރުހީބު ވަރަށް ބޮޑަށް ލިބިގެން ދިޔައެވެ. އަދި ފިލްމުގެ ދެވަނަ ބަޔަކަށް ވެސް ގިނަ ބަޔަކު ވަނީ އެދިފައެވެ.

'ތުމްބާޑް'ގެ ދެވަނަ ބައެއްގެ އިންތިޒާރުގައި ތިބި މީހުންނަށް ސޯހަމް މިވަނީ އުފާވެރި ޚަބަރެއް ދީފައެވެ. ސޯހަމް މިހާރު ވަނީ ފިލްމުގެ ސީކުއަލްގެ މަސައްކަތް ފަށައިފައެވެ.

ސޯހަމް ބުނީ ފިލްމުގެ "އައިޑިއާ" މިހާރު މުޅީން ފައިނަލް ވެފައިވާ ކަމަށާއި، ސްކްރިޕްޓު ލިޔާނެ މީހަކު ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ދެވަނަ ބައެއް ރިލީޒްކުރާނެ ދުވަހެއް ކަނޑައެޅިގެން ހާމަނުކުރި ނަމަވެސް، އެ ފިލްމަށް ހަ އަހަރު ދުވަސް ހޭދަ ނުވާނެ ކަމުގެ ޔަގީންކަން އޭނާ ވަނީ ދީފައެވެ.

އަދި ފުރަތަމަ ފިލްމުގައި ފެނުނު ބައެއް ކެރެކްޓާތައް ދެވަނަ ފިލްމުގައި ވެސް ފެނިގެން ދާނެ ކަމަށް ސޯހަމް ބުންޏެވެ. އޭގެ ތެރޭގައި ފުރަތަމަ ފިލްމުގައި ފެނުނު "ހަސްތަރު"ގެ ކެރެކްޓާ ހިމެނެއެވެ.