27 Dec 2018, 15:26
ޓައިގާ ޝްރޯފް އަކީ މިހާރު ބޮލީވުޑުގައި ހުރި އެންމެ ޒުވާން އަދި އެންމެ ކާމިޔާބު އެއް އެކްޝަން ހީރޯއެވެ. ޓައިގާ މިހާތަނަށް މުޅިންވެސް ފެނިގެން ގޮސްފައިވަނީ އެކްޝަން ފިލްމުތަކުންނެވެ. އެކްޝަން ހީރޯއެއްގެ ގޮތުގައި ޓައިގާ ލޭބަލް ވެގެންދިޔައީ ވެސް އެހެންވެއެވެ.
އެކްޓަރެއްގެ ގޮތުގައި ބޮލީވުޑުން ނުފެނުނު ނަމަ ޓައިގާ ދެން ފެނިގެންދާނީ ކޮން ދާއިރާ އަކުން ހެއްޔެވެ؟ ނެށުމުގެ ހުނަރުވެސް ލިބިފައިވާ ޓައިގާ ފަހަރުގައި އެ ދާއިރާއިން ފެނިގެން ދިޔައީސް ބާވައެވެ؟
"އެކްޓަރަކަށް ނުވި ނަމަ ދެން ވާނީ ފުޓުބޯޅަ ކުޅުންތެރިޔަކަށް،" އެ ސުވާލުގެ ޖަވާބުގައި ޓައިގާ ބުނީ މިހެންނެވެ.
ސުވާލަށް އަވަސް ޖަވާބެއް ދިން ނަމަވެސް ބޯޅައެއް ހިފައިގެން ދަނޑުމަތިން ދެން ޓައިގާ ފެންނާނެ ހެނެއް ހިޔެއްނުވެއެވެ. އެއީ ބޮލީވުޑުގައި އޭނާ މިހާރު ފައިތިލަ ސާބިތުކޮށް އަމިއްލަ ނަމެއް ހޯދާފައި ވާތީއެވެ.
ޓައިގާ މިހާރުވެސް އަންނަނީ އުންމީދީ ތިން ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ. އެއީ ކަރަން ޖޯހަރުގެ 'ސްޓުޑެންޓް އޮފް ދަ އިޔާ 2' އާއި 'ބާޣީ 3' އަދި ރިތިކް ރޯޝަން އާއެކު ފަށައިފައިވާ ފިލްމުގެ މަސައްކަތެވެ.