ކުރިޔަށް އޮތް އަހަރުތަކުގައި ރައްޔިތުން އެދޭ ފަދަަ ހިތްފަސޭހަ ޖަޒީރާ ދިރިއުޅުމެއް ފެނިގެން ދާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ޗަމްޕާ ބްރަދާސްގެ ފަރާތުން ނ. ހެނބަދޫގައި ގާއިމު ކުރި 18.9 މިލިއަން ރުފިޔާގެ ނަރުދަމާ ނިޒާމު އިފްތިތާހު ކޮށްދެވުމަށް، މިއަދު އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރެވި، ރައްޔިތުން އުންމީދު ކުރާ ޖަޒީރާ ދިރިއުޅުމެއް ފެނިގެން ދާނެ ކަމަށާއި އުންމީދު ކުރައްވަނީ ސަރުކާރުގެ ހުރިހާ އިދާރާތަކުގެ މަސައްކަތްތައް ވެސް އެ މަގަށް އަމާޒުވެގެން ދިޔުން ކަމަށެވެ.

"[ސަރުކާރުގެ] ސިޔާސަތުތައް ތަންފީޒު ކުރެވޭ އިރު އަޅުގަނޑުމެން އުންމީދުކުރާ ހިތްފަސޭހަ ޖަޒީރާވަންތަ ދިރުއުޅުމެއް ފެންނަން ފަށާނެ،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އާއިލާއެއް ބިނާކޮށް ދިރިއުޅޭނެ ގޯޗެއް ނެތި ހާސިލު ކުރެވޭނެ ތަރައްގީއެއް ނޯންނާނެ ކަމަށާއި ސަރުކާރުގެ އަމާޒަކީ ކޮންމެ ރައްޔިތަކު ވެސް ގެދޮރުވެރި އަކަށް ހެދުން ކަމަށެވެ.

"މުޅި އިގްތިސޯދު އޭގެ ވަށައިގެން ދައުރުކުރާ ނާރެހަކީ ދިރިއުޅުން ވޭތުކުރާ ގެ. އައިލާއެއް ބިނާކޮށްގެން، ދިރިއުޅޭނެ ގެއެއް ނުވަތަ ގޯޗެއް ނެތި ހާސިލު ކުރެވޭނެ ތަރައްގީއެއް ނޯންނާނެ،" ގެދޮރުވެރި ކަމަކީ ރައްޔިތުންގެ އަސާސީ ބޭނުންތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަން ފާހަގަކޮށް ރައީސް ސޯލިހު ވިދާޅުވި އެވެ.

"ބޮޑެތި އިޖުއިމާއީ މައްސަލަތަކުގެ އަސްލަކީ ވެސް ގެދޮރުގެ ދަތިކަން. ގެދޮރުގެ ދަތިކަން ހައްލުވެގެން ނޫނީ އިގްތިސޯދުގެ ރޫފަ ހެޔޮވެގެން ނުދާނެ،"

ރައީސް ވިދާޅުވީ، އެ ސިޔާސަތުގެ ދަށުން ސަރުކާރުގެ ހުރިހާ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތައް އެއްވިއުގައަކުން ގުޅާލެވިގެން ދާނެ ކަމަށާއި އެ ވިއުގަ ގުޅައި ނިމުމުން ހުރިހާ ރަށެށްގައި ލެބޯޓަރީތައް ގާއިމް ކުރެވިގެން ދާނެ ކަމަށެވެ. އަދި އެ ލެބޯޓރީތައް ޑިޖިޓަލައިޒު ވެސް ކުރެވިގެން ދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"އެއާ އެކު ތަޖުރިބާކާރު ޑޮކްޓަރުންގެ އިރުޝާދުގެ ދަށުން ރަށްތަކުގެ ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަކީ އަޅުގަނޑުމެން ގެންގުޅޭ ވިސްނުމެއް." ރައީސް ވިދާޅުވި އެވެ.