27 Dec 2018, 12:55
މާލޭގެ ހުޅަނގު ބިތުގައި ހުންނަ ވެސްޓްޕާކާ ދިމާލުން، ކަނބާއައިސާރަނި ހިނގުމުގައި އަޑިގުޑަން އެންމެ ގިނަ ސަރަހައްދު މަރާމާތުކުރުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.
ކަނބާއައިސާރަނި ހިނގުމުގެ، މަޖީދީމަގުގެ އުތުރަށް އޮންނަ ހިސާބަކީ ވަރަށް ބޮޑަށް ހަލާކުވެފައިވާ ސަރަހައްދެކެވެ. އެ މަގުގައި ޖަހާފައި ހުރި ގާތައް ހުރީ ވަރަށް ބޮޑަށް ހަލާކުވެ، އަދި މަގުގައި ވަރަށް ބޮޑަށް އަޑިގުޑަންތައް ވެސް ހެދިފަ އެވެ. މި މަގު ހަލާކުވެ، އެ މަގުގައި ދުއްވާއެއްޗެހި ދުއްވަން އުނދަގޫކަމުގެ ޝަކުވާ ގިނަ ބަޔަކު އަބަދާއި އަބަދު ކުރެ އެވެ.
މާލެ ސިޓީ ކައުންސިލުގެ މެމްބަރު ހަމްނާ ވަހީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ، އެ ސަރަހައްދުގައި މަގު މަރާމާތުކުރުމުގެ މަސައްކަތް ފެށިކަން އިއުލާނުކުރައްވައި، މަސައްކަތް ކުރިއަށްދާ ސަރަހައްދުގެ ވީޑިއޯއެއް ވެސް އާންމުކުރައްވާފަ އެވެ.
West Park aa dhimaaluga massahkai feshunpic.twitter.com/lTU4gVZvYH
— Hamna Waheed ???? (@HamWahydd)December 27, 2018
މާލެ ސިޓީ ކައުންސިލުގެ އާންމު ޚިދުމަތްތަކާ ބެހޭ ބައިން މައުލޫމާތު ދިން ގޮތުގައި، މަގުތައް މަރަމާތުކުރުމުގެ ހާއްސަ މަސައްކަތެއްގެ ގޮތުން ކަނބާއައިސާރަނި ހިނގުމުގެ 2،700 އަކަފޫޓުގެ ސަރަހައްދެއް ވަނީ ރޫޅާލާފައެވެ.
އަދި ވިއްސާރަ ނޫން ނަމަ، އަންނަ ހަފްތާގެ ހޯމަ ދުވަހުގެ ހަވީރުގެ ނިޔަލަށް މަސައްކަތް ނިންމާލެވޭނެކަމަށް ލަފާކުރެވޭކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ސިޓީ ކައުންސިލުތަކަށް ލިބޭ ބާރުތައް އަލުން ކަނޑައެޅުއްވުމާ އެކު ސިޓީތަކުގެ މަގުތައް ބެލެހެއްޓުމާއި މަރާމާތުކުރުމުގެ މަސައްކަތް ކައުންސިލުތަކަށް އަލުން ވަނީ ލިބިފަ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގައި ސިޓީ ކައުންސިލުތަކުގެ އަތުން ނެގި އެ ބާރު އަނބުރާ އިޔާދަކުރުމާ އެކު މާލެ ސިޓީ ކައުންސިލުން ވަނީ މާލޭގެ މަގުތަކުގެ ތެރެއިން ހަލާކުވެފައިވާ ސަރަހައްދުތައް މަރާމާތުކުރަން ފަށައިފަ އެވެ.
މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރިން މި މަސައްކަތް ފެށުމާއެކު ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ވަނީ ވެސްޓްޕާކާ ދިމާލުން އޮންނަ ކަނބާއައިސާރަނި ހިނގުމުގެ އުތުރުކޮޅު ވެސް މަރާމާތުކޮށްދިނުމަށް އެދި މާލެ ސިޓީ ކައުންސިލުގައި އެދެމުންނެވެ.
ސިޓީ ކައުންސިލުން މި ފަހުން ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް އާންމުން ކުރަމުން އަންނަ ޝަކުވާތަކަށް ވެސް އިޖާބަ ދީ، ހުށަހަޅާ ޝަކުވާތަކާއި މައްސަލަތައް ހައްލުކުރުމުގެ މަސައްކަތް ފަށައިފަ އެވެ.
މާލޭގެ މަގުތައް ބެލެހެއްޓުމުގެ މަސައްކަތް ސިޓީ ކައުންސިލަށް އަނބުރާ ލިބުމާ އެކު، މި ހަފްތާގައި މާލެ ސިޓީ ކައުންސިލުން ވަނީ މާލޭގެ މަގުތަކުގައި ހުންނަ ބަމްޕަރުތަކާއި ކަފިހި ހުރަސްތައް ރީއްޗަށް ފެންނާނެ ފަދަ ގޮތަށް ކުލަ ލުމުގެ މަސައްކަތް ވެސް ފަށައިފަ އެވެ.