މިހާރުގެ މާލީ ހާލަތު ހުރި ގޮތުން، ދައުލަތުގެ ބަޖެޓްގައި މަސްވެރިންނަށް ކަނޑައަޅާފައިވާ 100 މިލިޔަން ރުފިޔާގެ ސަބްސިޑީ ދޫކުރެވެން ނެތް ކަމަށް ފިނޭންސް މިނިސްޓަރު އަހްމަދު އިނާޒް ވިދާޅުވެއްޖެ އެވެ.

މި އަހަރު މަސްވެރިންނަށް ދިނުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ 100 މިލިޔަން ރުފިޔާގެ ސަބްސިޑީ އަދިވެސް ދޫކޮށްފައިނުވާ މައްސަލައާ ބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން އިނާޒް ވިދާޅުވީ، އެ ފައިސާ ދޫނުކުރެވިވާ އެންމެ ބޮޑު ސަބަބަކީ ދައުލަތުން މިހާރު ވެސް ދެމުންދާ އެހީއާއި ސަބްސީޑީ އުނިކޮށް އެ ފައިސާ ދިނުމަށް މަޖިލީހުން ނިންމާފައިވާތީ ކަމަށެވެ.

"ވަކި އައިޓަމަކުން އުނިކުރަން މަޖިލީހުން ކަނޑައަޅާފައި އޮތް ނަމަ އެ ފައިސާ ދިނުމަށް ފަސޭހަވީސް،" އިނާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ސަބްސިޑީ ދިނުމަށް ވުރެ މަސްވެރިންނަށް މާ ފައިދާ ހުރި ގޮތްތަކެއް ސަރުކާރުގެ ސިޔާސަތުގެ ތެރޭގައި ހަމަޖައްސަވައި ދެއްވަމުން ގެންދަވާ ކަމަށެވެ.

"އެއަށް ވުރެ ފައިދާ ހުރި ގޮތެއްގައި މަސްވެރިންނަށް ލުއިގޮތްތަކެއް ގެންދަވަނީ ހަމަޖައްސައި ދެމުން. އެގޮތުން މިހާތަނަށް ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ތެރެއިން މަސްވެރިކަމަށް ހާއްސަ ކަމެއް ދީގެން ލޯނު ދޫކުރަމުން ދަނީ. އެއީ އެއްބައެއް ނޫން ނަމަވެސް މަސްވެރިކަމުގެ ޗޭނުގެ މުހިއްމުބައެއް،" އިނާޒު ވިދާޅުވި އެވެ.

ފައިނޭންސް މިނިސްޓަރު ވިދާޅުވީ މަޖިލީހުން ފާސްކޮށްދީފައި ވަނީ ލިބޭ އާމްދަނީ އާއި ހަރަދަށް ނުބައްދަލު ބަޖެޓެއް ކަމަށާއި މާލީ ހާލަތު ރަނގަޅުވާ ވަރަކުން ބަޖެޓްގައި ދޭން ކަނޑައަޅާފައިވާ އެހީ އާއި ސަބްސިޑީ ދޫކުރަމުން ގެންދާނެ ކަމަށެވެ.

މިއަދުގެ ޖަލްސާގައި ބަޖެޓްގައި ހަރަދު ކުރުމަށް މަޖިލީހުން ފާސްކޮށްފައިވާ ބައެއް އައިޓަމްތަކަށް ހަރަދު ނުކޮށް ބަޖެޓްގައި ނެތް އައިޓަމްތަކަކުން ސަރުކާރުން ހަރަދު ކުރަމުންދާ މައްސަލައިގައި ވެސް ބައެއް މެންބަރުން ސުވާލު ކުރެއްވި އެވެ. އެގޮތުން އެމްއެންބީސީ އަށާއި ގައުމީ އިދާރާތަކަށާއި ވަޒީރުންގެ ފޯނުބިލަށް ފައިސާ ދޫކުރައްވަނީ ކޮން ގޮތަކަށްތޯ، އާއި ބަޖެޓްގައި ނުހިމެނޭ އައިޓަމްތަކަކަށް މިހާތަނަށް ދެ ބިލިޔަން ރުފިޔާ ކޮންޓިންޖެންސީ ބަޖެޓުން ހަރަދު ކޮށްފައިވަނީ ކޮން ގޮތަކަށްތޯ ވެސް މެންބަރުން އިނާޒާ ސުވާލު ކުރެއްވި އެވެ. ނަމަވެސް އެ ސުވާލުތަކަށް މިނިސްޓަރު ސީދާ ޖަވާބެއް ދެއްވާފައެއް ނުވެ އެވެ.