ނ. ހެނބަދޫން: އައިޝަތު ފަރީހާ

ރަށްރަށުގައި އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ކައިރި ރިސޯޓުތަކުން އެހީތެރިކަން ފޯރުކޮށްދޭ ނަމަ، ދައުލަތުގެ ބަޖެޓަށް ލުއިވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ޗަމްޕާ ބްރަދާސްގެ ފަރާތުން ނ. ހެނބަދޫގައި ގާއިމު ކުރި ނަރުދަމާ އިފްތިތާހުކޮށްދެއްވައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ އަސާސީ ހިދުމަތްތައް ހުރިހާ ރަށަކަށް ވެސް ފޯރުކޮށްދިނުން ކަމަށެވެ. އަދި އެ ހިދުމަތްތައް ފޯރުކޮށްދިނުމަށް ރިސޯޓުތަކުން އެހީވާ ނަމަ ސަރުކާރުގެ ބަޖެޓަށް ލުއިވެގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ހެނބަދޫ ނަރުދަމާ ގާއިމުކޮށްފައި ވަނީ ޗަމްޕާ ބްރަދާސްގެ ސީއެސްއާރުގެ ދަށުން 18.9 މިލިއަން ރުފިޔާ ހަރަދުކޮށްގެންނެވެ.

ރައީސް ސޯލިހު ވިދާޅުވީ ހެނބަދޫގައި މީގެ ކުރިން ނަރުދަމާ ނިޒާމެއް ނެތުމުން ނަޖިސް ފެން ހިންގަމުން ދިޔައީ ގޯތިތެރޭގައި ކަމަށާއި އޭގެ ސަބަބުން ފެން ފަށަލަ ނަޖިސްވެފައިވާ ކަމަށެވެ. ނަރުދަމާ އާ އެކު ރަށުގެ ފެން ފަށަލަ ނަޖިހުން ތަގައްޔަރުވުން ހުއްޓޭނެ ކަން ރައީސް ފާހަގަ ކުރެއްވި އެވެ.

ހެނބަދޫގައި ލަފާ ފުރޭނެ ފަސޭހަ ގޮތެއް ނެތްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ހެނބަދޫގެ ބަނދަރު ހެދުމަށް ސާވޭ ކުރުމަށާއި ބަނދަރުގެ މަސައްކަތަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާނެ ކަމަށެވެ. މީގެ އިތުރުން ރަށުގައި އިތުރަށް ގޯތިދޭނެ ބިން ނެތްކަން ވެސް ރައީސް ފާހަގަ ކުރެއްވި އެވެ.

ހެނބަދޫ ބަނދަރު މަޝްރޫއު އަށް އަންނަ އަހަރުގެ ބަޖެޓްގައި 13.6 މިލިއަން ރުފިޔާ ބަޖެޓްކޮށްފަ އެވެ.

"ރަށުގެ ބިން އޮތީ ފުރިފައި. ގޯތި ދެވޭނެ ގޮތެއް ނެތް. ގޮނޑުދޮށުން ބޮޑުބައެއް އިތުރަށް ގިރަމުންދާތީ ހިކިފަސް ސަރަހައްދު ދަނީ ކުޑަވަމުން،" ރައީސް ވިދާޅުވި އެވެ.

"އަމާޒަކީ ކޮންމެ ފަރުދަކީ ގެދޮރުވެރިޔަކަށް ހެދުން. ކޮންމެ އާއިލާއަކަށް ވެސް ދިރިއުޅެވޭނެ ހިޔާވަހިކަމެއް ލިބިގެންދާނެ،"

ރައީސް ސޯލިހު ވިދާޅުވީ ހެނބަދޫގެ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލު ކުރުމަށް ވެސް މަސައްކަތް ކުރައްވާނެ ކަމަށެވެ.