ރައީސް ސޯލިހުގެ ސަރުކާރުގެ 30 ދުވަހުގެ ތެރޭގައި ހާސިލުކުރުމަށް ކަނޑައަޅައިފައިވާ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޭނުންވާ ތެރަޕިއުޓިކް ޚިދުމަތްތައް ހިލޭ ފޯރުކޮށްދިނުމުގެ ޕްރޮގްރާމް މިނިސްޓަރު އިފްތިތާހުކޮށްދެއްވައިފި އެވެ.

އެ ޕްރޮގްރާމް އިފުތިތާހުކުރުމުގެ ގޮތުން ރާއްޖޭގެ ގައުމީ ޔުނިވަސިޓީގެ އޮޑިޓޯރިއަމްގައި މިއަދު ކުރިއަށް ދިޔަ ޚާއްޞަ ރަސްމިއްޔާތުގައި މިނިސްޓަރު ޝިދާތާ ޝަރީފު ވިދާޅުވީ ތެރަޕިއުޓިކް ޚިދުމަތްތަކަށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އެ ފަރާތްތަކުގެ ޢާއިލާތަކުން މާލީގޮތުން ބޮޑު ހޭދައެއް ކުރަން ޖެހިފައިވާ ކަމަށާއި ސަރުކާރުން ވަޢުދުވި ގޮތަށް މިއަދުން ފެށިގެން އެ ކަމަށް ޙައްލު ލިބިގެން ދާނެ ކަމަށެވެ. އަދި މި ފަދަ ޚިދުމަތްތަކަކީ ދައުލަތުން ބޮޑު ހޭދައެއް ކުރަން ޖެހޭ ޚިދުމަތްތަކެއް ކަމަށާއި އެހެން ނަމަވެސް ސަރުކާރުން އިސްކަން ދެނީ ރައްޔިތުންގެ ދުޅަހެޔޮކަމާއި ޚާއްޞަ ރައްކައުތެރިކަމާއި އަޅައިލުން ބޭނުންވާ ފަރާތްތަކުގެ ޙައްޤުތައް ކަށަވަރުކުރުމަށް ކަމަށް އެ ކަމަނާ ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، އެ ފަރާތްތަކުގެ ޢާއިލާތަކާއި ތެރަޕިއުޓިކް ޚިދުމަތްތައް ފޯރުކޮށްދޭ ހޮސްޕިޓަލް، ކްލިނިކް އަދި ޖަމުޢިއްޔާ ޖަމާޢަތްތަކުން ބައިވެރިވެ، ޚިޔާލު ހުށަހަޅައިފައިވެ އެވެ.

ތެރަޕިއުޓިކް ޚިދުމަތްތައް ހިލޭ ފޯރުކޮށްދިނުމުގެ ޕްރޮގްރާމް އިފުތިތާހުކުރެވުމުން އާސަންދަ ސްކީމް މެދުވެރިކޮށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފޯރުކޮށްދެމުންނުދާ ތެރަޕިއުޓިކް ޚިދުމަތްތައް މި ޕްރޮގްރާމްގެ ދަށުން ލިބިގެންދާނެ ކަމަށް ޖެންޑާ މިނިސްޓްރީ އިން ބުންޏެވެ.

އެ ހިދުމަތް ދޭނ، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށް ކަމަށް އެ މިނިސްޓްރީ އިން ބުންޏެވެ.