ގާހިރާ (ޑިސެމްބަރު 27): މިސްރުގެ ކުރީގެ ރައީސް މުހައްމަދު މުރުސީއާ ދެކޮޅަށް އެ ގައުމުގެ ކުރީގެ ރައީސް ހުސްނީ މުބާރަކު ކޯޓުގައި ހެކިބަސް ދެއްވައިފި އެވެ.

މުރުސީއާ ދެކޮޅަށް މުބާރަކު ހެކިބަސް ދެއްވީ، 2011 ވަނަ އަހަރު މުބާރަކުގެ ވެރިކަމާ ދެކޮޅަށް މިސްރުގައި ކުރި މުޒާހަރާތަކުގައި މުރުސީ އާއި މުސްލިމް ބްރަދަހުޑްގެ މެމްބަރުން ޖަލުން ފިއްލެވި މައްސަލައިގަ އެވެ.

މުރުސީ އާއި މުސްލިމް ބްރަދަހުޑުގެ ލީޑަރުން ޖަލުން ފިއްލެވީ އެމުޒާހަރާތައް ހުއްޓުވަން މުބާރަކުގެ ސަރުކާރުން މަސައްކަތް ކުރަމުން ދިޔަ ދަނޑިވަޅެއްގަ އެވެ. އޭރު އެސަރުކާރުން ވަނީ އިންޓަނެޓާއި ފޯނުގެ ހިދުމަތް ވެސް ކަނޑާލާފަ އެވެ.

މުބާރަކު ވިދާޅުވި ގޮތުގައި މުރުސީ އާއި މުސްލިމް ބްރަދަހުޑަށް ނިސްބަތްވާ މީހުން ޖަލުން މިނިވަން ކުރީ، ބްރަދަހުޑުގެ އެހީއާ އެކު މިސްރަށް ދިޔަ 800 މީހުންނެވެ. އެކި ގައުމުތަކަށް ނިސްބަތްވާ އެމީހުން މިސްރަށް ވަނީ ގާޒާއިން ކޮނެފައިވާ ބިންގަރާސްތަކުން ކަމަށް ވެސް މުބާރަކް ވިދާޅުވި އެވެ.

ނަމަވެސް އޭނާ ވަނީ ގައުމުގެ އަސްކަރިއްޔާ އާއި މިހާރުގެ ރައީސް އަބްދުލް ފައްތާހު އަލް ސީސީގެ ހުއްދައާ ނުލައި ގިނަ ސުވާލުތަކަށް ޖަވާބު ދެވެން ނެތް ކަމަށް ވިދާޅުވެފަ އެވެ.

މުރުސީގެ ވެރިކަން ވައްޓާލި ފަހުން އެކި މައްސަލަތަކުގައި އޭނާގެ މައްޗަށް ވަނީ ޖަލު ހުކުމާއި މަރުގެ ހުކުމް ވެސް ކޮށްފަ އެވެ.

އޭގެ ތެރޭގައި، 2012 ވަނަ އަހަރު މުރުސީއާ ދެކޮޅަށް މުޒާހަރާ ކުރި ބަޔަކު މެރި މައްސަލާގައި 20 އަހަރަށް ޖަލަށް ލާން ކުރި ހުކުމާއި ގަތަރަށް ޖާސޫސުކޮށްދިނުމުގެ ކުށުގައި 40 އަހަރަށް ޖަލަށް ލާން ކުރި ހުކުމާއި ފަލަސްތީނުގެ ހަމާސް ޖަމާއަތާ ގުޅިގެން ޖާސޫސު ކުރި މައްސަލައިގައި އުމުރަށް ޖަލަށް ލާން ކުރި ހުކުމާއި 2011ގައި ޖަލުން ފިއްލެވި މައްސަލާގައި މަރަން ކުރި ހުކުމް ހިމެނެ އެވެ.

ނަމަވެސް، 2016 ވަނަ އަހަރު މިސްރުގެ އިސްތިއުނާފު ކޯޓަކުން ވަނީ އޭގެ ތެރެއިން އުމުރަށް ޖަލަށް ލާން ކުރި ހުކުމާއި މަރަން ކުރި ހުކުމް ބާތިލުކޮށްފަ އެވެ. އަދި އެމައްސަލަތައް އަލުން ބަލަން އަމުރުކޮށްފަ އެވެ.

ޑިމޮކްރަޓިކް އިންތިހާބެއް ކާމިޔާބު ކޮށް ވެރިކަމަށް ވަޑައިގެންނެވި ފުރަތަމަ ރައީސުގެ ގޮތުގައި 2012 ވަނަ އަހަރު މުރުސީ ވެރިކަމަށް ވަޑައިގެންނެވީ އޭގެ ކުރީ އަހަރު މިސްރުގައި ކުރި މުޒާހަރާތަކުގައި މުބާރަކުގެ ވެރިކަން ވައްޓާލި ފަހުންނެވެ.

ނަމަވެސް މުރުސީގެ ވެރިކަމަށް އެއްމެ އަހަރެއްވީ ތަނާ އޭނާއާ ދެކޮޅަށް ބޮޑެތި މުޒާހަރާތައް ބާއްވައި، އެގައުމުގެ އަސްކަރިއްޔާ އިން ވެރިކަން ވައްޓާލި އެވެ. އަދި އޭރުގެ އަސްކަރިއްޔާގެ ވެރިޔާ ސީސީ ރައީސް ކަމަށް ވަޑައިގެންނެވި އެވެ.