ޓައިޕޭ (ޑިސެމްބަރު 27): މިދިޔަ ހަފްތާގައި ޓައިވާނަށް ޓުއަރިސްޓް ވިސާގައި ދިޔަ ވިއެޓްނާމްގެ 152 މީހަކު ގެއްލިގެން ހޯދަމުންދާ ކަމަށް ޓައިވާނުން ބުނެފި އެވެ.

އޮފިޝަލުން ވިދާޅުވި ގޮތުގައި އެފަތުރުވެރިން ޓައިވާނަށް ދިޔައީ މިމަހުގެ 21ގަ އާއި 23ގަ އެވެ. ނަމަވެސް އޭގެ ފަހުން އެމީހުންނަށް ވީގޮތެއް ނޭނގެ އެވެ.

ޓައިވާނުގެ މީޑިއާތަކުން ވަނީ އެމީހުން ދިޔައީ ގަވާއިދާ ހިލާފަށް ވަޒީފާ ހޯދައިގެން މަސައްކަތް ކުރުމަށް ކަމަށް ބެލެވޭ ކަމަށް ރިޕޯޓުކޮށްފަ އެވެ.

ޓައިވާނުން ވަނީ ފަތުރުވެރިކަން ކުރިއެރުވުމަށް ޓަކައި، އޭޝިއާގެ ބައެއް ގައުމުތަކުން ވިސާފީ ނެގުން ހުއްޓާލާފަ އެވެ. އަދި މިއީ 2015 ވަނަ އަހަރު އެވިސާ ޕްރޮގްރާމް ފެއްޓި ފަހުން އެހާ ވަރަށް ގިނަ ފަތުރުވެރިން 'ގެއްލުނު' ފުރަތަމަ ފަހަރެވެ.

ޓައިވާނުގެ ނެޝަނަލް އިމިގްރޭޝަން އޭޖެންސީން ވަނީ އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށާއި އެކަމަށް ޒިންމާވާ ބަޔަކުވެސް ހޯދާނެ ކަމަށް ބުނެފަ އެވެ.

އަދި ފިލައިގެން އުޅޭ މީހުން ހޯދުމާއެކު އެމީހުން ޑީޕޯޓުކޮށް، ތިން އަހަރާއި ފަސް އަހަރާ ދެމެދުގެ މުއްދަތަކަށް ޓައިވާނަށް ދިޔުން މަނާ ކުރާނެ ކަމަށް ބުނެފަ އެވެ.

ވިއެޓްނާމްގެ ފޮރިން މިނިސްޓްރީން ވަނީ އެމައްސަލައާ ގުޅިގެން ޓައިވާނާ ވާހަކަ ދައްކަމުންދާ ކަމަށާއި އޭގެ ސަބަބުން ދެ ގައުމުގެ ފަތުރުވެރިކަމުގެ ޕްރޮގްރާމަށް ބަދަލެއް ނުގެނައުމަށް މަސައްކަތް ކުރާނެ ކަމަށް ބުނެފަ އެވެ.