27 Dec 2018, 09:30
މަރުގެ މައްސަލަތައް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އުފެއްދެވި "ކޮމިޝަން އޮން ޑިސްއެޕިއަރެންސް އެންޑް ޑެތުސް" އަށް ހުށަހެޅިފައިވާ މައްސަލަތަކީ ކޮބައިކަން އަންނަ އާދީއްތަ ދުވަހު އާންމު ކުރައްވާނެ ކަމަށް އެ ކޮމިޝަންގެ ރައީސް ހުސްނުއްސޫދު ވިދާޅުވެއްޖެ އެވެ.
އާންމުން އެ ކޮމިޝަނަށް މައްސަލަތައް ހުށައެޅުމަށްދީފައިވާ އެންމެ ފަހު ދުވަހަކީ މިއަދެވެ.
ސޫދު މިއަދު ސަން އަށް ވިދާޅުވީ އާދީއްތަ ދުވަހު ކޮމިޝަނުން ބަލާނެ، މަރުގެ މައްސަލަތަކުގެ ތަފުސީލު އާންމު ކުރައްވާނެ ކަމަށެވެ. އޭނާ ވިދާޅުވީ އާންމުންގެ ފަރާތުން މިހާތަނަށް ވެސް މައްސަލަތަކެއް އެ ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ.
ގެއްލިފައިވާ އަދި މަރުގެ މައްސަލަތައް، އެ ކޮމިޝަނުން ބަލަނީ 2012 ވަނަ އަހަރުން ފެށިގެން ހިނގާފައިވާ އެފަދަ މައްސަލަތަކެވެ.
Mihaa thanah@DdcomMdvah gina adhadhegge massala husha-helhifaivey. Miadhakee massala hushahelhumah aanmunnah hulhuvaalaafaivaa muhdhathu hamavaa dhuvas. Hushahelhifaivaa massala thakuge thafseel mianna adheetha dhivahu iulaan kuraane.
— Husnu Al Suood (@hsuood)December 27, 2018
ދެހާސް ބާރަ ވަނަ އަހަރުން ފެށިގެން ހިނގާފައިވާ ބޮޑެތި މަރުގެ މައްސަލަތަކުގެ ތެރޭގައި ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލަ އާއި ގެއްލިފައިވާ، ނޫސްވެރިޔާ އަހުމަދު ރިލްވާނު އަބްދުﷲ މައްސަލަ އާއި ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލައަކީ ކޮމިޝަނުން ބަލާނެ މައްސަލަތައް ކަމަށް އެ ކޮމިޝަނުން ކުރިން ވަނީ ބުނެފަ އެވެ.
ސޫދު ވިދާޅުވެފައި ވަނީ، ކޮމިޝަނުން މައްސަލަ ބެލުމުގައި "ތޯތޯ ވާހަކަތަކަށް ނުބަލާނެ" ކަމަށާއި އެ ކޮމިޝަނުން އިސްކަންދޭނީ ބުއްދި ގަބޫލުކުރާ ވާހަކަތަކަށް ކަމަށެވެ.