03 Oct 2011, 10:53
ފުވައްމުލަކުގައި ސައިކަލެއްގައި ދިޔަ މީހަކު ހޮޅިދަނޑިއެއްގައި ޖެހި ބޮލަށް ސީރިއަސް އަނިޔާ ވެއްޖެ ކަމަށް އެ ރަށު ހޮސްޕިޓަލުން ބުނެފި އެވެ.
ފުވައްމުލަކު ހޮސްޕިޓަލުގެ ޑެޕިއުޓީ ޑިރެކްޓަރު މުހައްމަދު އަރީފު މިއަދު ވިދާޅުވީ އެ ރަށު، ހާވިޔާ އިބްރާހީމް ރަޝީދު،47، ]އިބްރާހީމް ދީދީ[ ސައިކަލްގައި ދަނިކޮށް، ހޮޅިދަނޑިއެއްގައި ބޮލަށް އަނިޔާވުމާ ގުޅިގެން އިމަޖެންސީގައި އޭނާ މާލެ ފުރުވާލާފައިވާ ކަމަށެވެ.
ހޮސްޕިޓަލުން ބުނީ ރަޝީދު ހޮޅިދަނޑީގައި ޖެހި، އޭނާގެ ބޮލުން ހަ އިންޗި ދިގަށް އަދި ވަރަށް ފުންކޮށް ފަޅައިގެން ގޮސްފައިވާ ކަމަށާއި ބޮލަށް ސީރިއަސް ގެއްލުންތަކެއް ވެފައިވާ ކަމަށް ބެލެވޭ ކަމަށެވެ.
އެކްސްރޭ ނަގައިގެން ބެލިއިރު ބޮލުގެ ސްޕްރާ އޮޕްޓިކަލް ބޯންގައި ފްރަކްޗާއެއް [ރެނދުލާފައި] ހުރި. އޭނާ ހޮޑުލާއިރު ކޮންމެވެސް ވަރަކަށް ދޭތެރެ ދޭތެރެއިން ލޭ އާދޭ. އެހެންވީމާ ބެލެވެނީ ބޯޖެހުމުގެ ސަބަބުން އިންޓާނަލް ބްލީޑިންގެއް އުޅޭކަމަށް. ފުރުވާލި އިރު ރަނގަޅަށް އޭނާގެ ހޭ ހުރި،" އަރީފް ވިދާޅުވި އެވެ.
އަރީފު ވިދާޅުވީ އިބްރާހީމް ރަޝީދު ހޮޅިދަނޑީގައި ޖެހުނީ މިއަދު ހެނދުނު ޖަމާލުއްދީން ނާއިބު ތުއްތު މަގުން ދެކުނަށް ދުއްވާފައި ދަނިކޮށް، އެ ރަށު ދިގުވާޑުގައި ހަދަމުން އަންނަ ކްރިކެޓް ސްޓޭޑިއަމާ ދިމާލަށް އެނބުރި ބަލަމުން ދަނިކޮށް ކަމަށް އެނގިފައިވާ ކަމަށް އަރީފު ވިދާޅުވި އެވެ.
ހޮސްޕިޓަލުން ބުނީ ރަޝީދު މާލެ ގެންނަނީ އެމްއެންޑީއެފުގެ ރެހެންދި ހެލިކޮޕްޓަރުގައި ކަމަށެވެ.