26 Dec 2018, 18:36
ކޮކޫން މޯލްޑިވްސް އިން ތަރައްގީ ކުރާ ދެވަނަ ރިސޯޓު، "ޔޫ އެންޑް މީ" ރިސޯޓް އަންނަ އަހަރު ފެބްރުއަރީ މަހު ހުޅުވަން ނިންމައިފި އެވެ.
ރ. އަތޮޅުގައި ތަރައްގީ ކުރާ "ޔޫ އެންޑް މީ" ރިސޯޓަކީ ލޯބިވެރިންނަށާއި، ހަނީމޫނަށް ދާ ފަރާތްތަކާއި، އެކުވެރިންނަށް އަމާޒުކޮށްގެން ތަރައްގީކޮށްފައިވާ ރިސޯޓެކެވެ. ސޯޅަ އަހަރުން ދަށުގެ ކުޑަ ކުދިންނަށް އެ ރިސޯޓަށް ނުދެވޭނެ އެވެ.
ޔޫ އެންޑް މީ ރިސޯޓުގައި ފަސް ރެސްޓޯރެންޓު ހުންނާނެ އެވެ. އޭގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވެނީ މޫދު އަޑީގައި ހުންނަ އެޗްޓޫއޯ ރެސްޓޯރެންޓެވެ. އޭގެ އިތުރުނ،ް ގާޑެން ރެސްޓޯރެންޓަކާއި ޖަޕަނީސް ރެސްޓޯރެންޓަކާއި، އިޓާލިއަން ރެސްޓޯރެންޓެއް ވެސް އެ ރިސޯޓުގައި ހުންނާނެ އެވެ.

ކޮކޫން މޯލްޑިވްސް އިން އަލަށް ހުޅުވާ "ޔޫ އެންޑް މީ" ރިސޯޓު -- ފޮޓޯ: ކޮކޫން މޯލްޑިވްސް
އެ ރިސޯޓުގައި 109 ކޮޓަރި ހުންނަ އިރު 99 ވޯޓާ ވިލާ ހުންނާނެ އެވެ. އަދި އެ ރިސޯޓުގައި މޫދަށް އެރެން ހާއްސަ 10 ބީޗު ހުންނާނެ އެވެ.
ފަސް ތަރީގެ އެ ރިސޯޓު ހުންނަނީ، އިފުރު އެއާޕޯޓުން 20 މިނެޓުގެ ލޯންޗު ދަތުރެއް ކޮށްގެން ދެވޭހާ ދުރުމިނުގަ އެވެ. މާލެއިން ދަތުރު ކުރާ ނަމަ، ސީޕްލޭނުގައި 45 މިނެޓުން ދެވޭނެ އެވެ.

ކޮކޫން މޯލްޑިވްސް އިން އަލަށް ހުޅުވާ "ޔޫ އެންޑް މީ" ރިސޯޓު -- ފޮޓޯ: ކޮކޫން މޯލްޑިވްސް
ކޮކޫން މޯލްޑްވްސްގެ ފުރަތަމަ ރިސޯޓު ހުޅުވީ 2016 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހު އެވެ. އިޓަލީ ވިލާތުގެ މަޝްހޫރު ޑިޒައިނިންގް ކުންފުނި، ލާގޯއިން ޑިޒައިންކުރި އެ ރިސޯޓު ހުންނަނީ ޅ. އޫކޮޅުފިނޮޅުގަ އެވެ.