26 Dec 2018, 17:57
ސަރުކާރުގެ އިދާރާތަކުގެ އޮނިގަނޑަށް އަންނަ ބަދަލަކާ ގުޅިގެން އެއްވެސް ސިވިލް ސާވަންޓަކު ވަޒީފާއިން ވަކި ނުކުރާނެ ކަމަށް ސިވިލް ސާވިސް ކޮމިޝަނުން ބުނެފި އެވެ.
ސިވިލް ސާވިސް ކޮމިޝަނުން މިހެން ބުނެފައި ވަނީ، ކުރީގެ ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީ މިހާރު ދެ މިނިސްޓްރީއަކަށް ބަހާލުމުން، އިއްޔެ އަމަލު ކުރަން ފެށި ސިވިލް ސާވިސްގެ މުވައްޒަފުން ވަޒީފާއިން ވަކި ކުރުމުގެ އުސޫލުގެ ދަށުން، އެ ދެ މިނިސްޓްރީގެ ބައެއް މުވައްޒަފުންގެ ވަޒީފާ ގެއްލިގެންދާނޭ ކަމުގެ ކަންބޮޑުވުން އެ މުވައްޒަފުން ފާޅު ކުރަމުން ދަނިކޮށެވެ.
އެކަމާ ގުޅިގެން މިއަދު ސިވިލް ސާވިސް ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ، އެއްވެސް އިދާރާއެއްގެ އޮނިގަނޑަށް އަންނަ ބަދަލަކާ ގުޅިގެން އެއްވެސް މުވައްޒަފެއްގެ ވަޒީފާއެއް ނުގެއްލޭނޭ ކަމަށެވެ. އަދި އިދާރާއެއްގެ އޮނިގަނޑަށް އަންނަ ބަދަލަކާ ގުޅިގެން އެއްވެސް މުވައްޒަފަކު ވަޒީފާއިން ދޫކޮށްލަންޖެހޭ ހާލަތެއް މެދުވެރިވެއްޖެނަމަ، ބަދަލުގައި އެކަށޭނެ އެހެން ވަޒީފާއެއް އެހެން އިދާރާއަކުން ހޯދުމަށް ކުރަން ޖެހޭ މަސައްކަތްތައް ކޮމިޝަނުން ކުރާނެ ކަމުގެ ޔަގީންކަން ދޭ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.
އެ ބަޔާނުގައި އެހެން ބުނެފައިވާ އިރު، މިއަދު ހައުސިން އަދި އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ މުވައްޒަފުންތަކެއް ވަނީ އާ އުސޫލާ ދެކޮޅަށް ޕެޓިޝަނެއްވެސް ތައްޔާރު ކޮށްފަ އެވެ.
ސަރުކާރާއި ރައްޔިތުންނަށް ޖެއްސުން ކުރުމަށް@cscmaldivesއިސްވެ އޮވެ ހިންގާ ޖަރީމާތައް ވަގުތުން ވަގުތަށް ހުއްޓާލުމަށް ގޮވާލަމެވެ. އަދި@HousingGovMvއާއި@PlanningMVބޭނުންވާ ގޮތައް މުވައްޒަފުންގެ ކަންތައްތައް ކުރިޔަށް ގެންދެވުމަށް ފުރުޞަތު ދެއްވާށެވެ.@presidencymv@ibusolihpic.twitter.com/WD00w1F89T
— Abdulla Abeedh (@AbdullaAbeedh)December 26, 2018
ސިވިލް ސާވިސް ކޮމިޝަނުގެ ރައީސް ޑރ. އަލީ ޝަމީން "ސަން"އަށް ވިދާޅުވެފައި ވަނީ، މީގެ ކުރިން މުވައްޒަފުން ވަޒީފާއިން ވަކި ކުރުމުގައި އަމަލު ކުރަމުން ދިޔައީ ސިވިލް ސާވިސް ކޮމިޝަނުގެ ގަވާއިދުގެ ދަށުން ކަމަށެވެ. އަދި މިއަދު އަމަލު ކުރަން ފެށި އުސޫލަކީ އެ ގަވާއިދުގެ ދަށުން ތަފްސީލު ކުރަން ޖެހޭ ބައެއް ކަންތައްތައް ތަފްސީލުކޮށް އެކުލަވާލި އުސޫލެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އެ އުސޫލުގައިވާ ގޮތުން ސިވިލް ސާވެންޓަކު ވަޒީފާއިން ވަކި ކުރާ ނަމަ ނޯޓިސްއާ އެކު ތިން މަސް ދުވަހުގެ މުއްދަތެއް ދޭން ވާނެއެވެ. އަދި އެ މުއްދަތުގެ ތެރޭގައި މުވައްޒަފަށް މުސާރައާއި އިނާޔަތްތައް ލިބެން ޖެހޭނެއެވެ.
އަދި މަސައްކަތް ކުރާ އިދާރާއެއް އުވާލެވޭ ހާލަތެއްގައި ނޯޓިސްގައި ހުރި މުވައްޒަފަކު ވަޒީފާއެއް ނެެރެ ހާޒިރީ ބަލަހައްޓާނޭ ތަން ކަނޑައަޅާނީ ސިވިލް ސާވިސް ކޮމިޝަނުން ކަމަށް އެ އުސޫލުގައިވެއެވެ. އަދި އިދާރާއަކުން ކުރަމުން ދާ މަސައްކަތެއް އެހެން އިދާރާއަަކަށް ބަދަލުވާ ހާލަތެއްގައި މުވައްޒަފު ވަޒީފާއަށް ނެރެ ހާޒިރީ ބަލަހައްޓާނީ އެ މަސައްކަތަަކާ ހަވާލުވި އިދާރާއަކުން ކަމަށް އުސޫލުގައިވެއެވެ. އެ އުސޫލުގައިވާ ގޮތުން، ނޯޓިސްގައި ހުންނަ މުވައްޒަފުގެ ހިދުމަތް އިދާރާއަށް ބޭނުން ނުވާ ނަމަ، ނޯޓިސް މުއްދަތަށްވާ މުސާރަ ދިނުމަށް ފަހު މުވައްޒަފު ވަޒީފާއިން ވަކި ކުރުމުގެ އިހްތިހާރު އިދާރާއަށް ލިބިގެންވެއެވެ.
އެ އުސޫލުގައި ވަނީ މުވައްޒަފުގެ ތައުލީމީ ފެންވަރާއި، މަސައްކަތުގެ ތަޖުރިބާ އާއި، ތަމްރީނާއި، މަސައްކަތުުގެ ފެންވަރާއި، ހާޒިރީ އަށާއި، މަސައްކަތުގެ އަހުލާގަށް ބަލައި މުވައްޒަފުން ދޫކޮށްލުމުގައި، އަމަލު ކުރާނޭ މެރިޓް އުސޫލެއްވެސް އެކުލަވާލާފަ އެވެ.