ދެހާސް ހަތަރު ވަނަ އަހަރު ރާއްޖެއަށް ސުނާމީ އެރި އިރު އެމަނިކުފާނު ހުންނެވީ އުފަން ރަށް ޅ. ހިންނަވަރުގައި ކަން ފާހަގަކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސުނާމީ ކާރިސާގެ ބައެއް ތަޖުރިބާތައް ކިޔައި ދެއްވައިފި އެވެ.

ގައުމީ އެއްބައިވަންތަ ކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ރ. ދުވާފަރުގައި މިއަދު ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ސުނާމީ ކާރިސާގެ ހަނދާންތައް އިއްޔެ ކުރިމަތިވި ކަމެއްހެން މިއަދު ވެސް ގިނަ ދިވެހިންނާއި އެމަނިކުފާނުގެ ހަނދާނުގައި ވެސް އެބަ ހުރި ކަމަށެވެ.

ރައީސް ސޯލިހު ދުވާފަރަށް ފައިބާ ވަޑައިގަންނަވަނީ: ރައީސް މިއަދު ވަނީ އެމަނިކުފާނުގެ ސުނާމީގެ ބައެއް ތަޖުރިބާތައް ކިޔާދެއްވާފައި --- ފޮޓޯ: ރައީސް އޮފީސް

އެގޮތުން ސުނާމީ އެރި ދުވަހު އެމަނިކުފާނު ހުންނެވީ އާއިލާއާ އެކު އުފަން ރަށް ހިންނަވަރު ނޫރާނީއާގޭގައި ކަން ފާހަގަކޮށް ވިދާޅުވީ، އެ ރަށަށް އަރައިގެން އައި ރާޅު ގޭތެރެއަށް ވަދެ މުޅި ރަށުގައި ފެންބޮޑުވި މަންޒަރު މިއަދު ވެސް ކުރިމަތިން ފެނިވަޑައިގަންނަވާ ކަމަށެވެ.

"އަޅުގަނޑުގެ ދެ ކުދިން ކަމުގައިވާ އެއް ކުއްޖަކު ގޭ ކުރިމަތީގައި ހުރި ގަހެއްގެ ކުރީގައި އަރައި އިން މަންޒަރާއި އަނެއް ދަރިފުޅު ފާރު ބުރިއެއްގެ މައްޗަށް އަރާ އިން މަންޒަރު މިއަދު ވެސް ހަމަ އިހުސާސްވެ، ކުރިމަތިން އެބަ ފެނޭ،" ރައީސް ވިދާޅުވި އެވެ.

ސުނާމީ އެރި އިރު ރައީސްގެ އުމުރުފުޅަނީ 42 އަހަރެވެ. އެމަނިކުފާނުގެ ދޮށީ އަންހެން ދަރިކަނބަލުން ސާރާގެ އުމުރަކީ ނުވަ އަހަރެވެ. އަދި ހަގު ފިރިހެން ދަރިކަލުން ޔަމަންގެ އުމުރަކީ ހަތް އަހަރެވެ.

ރައީސް ސޯލިހު ދުވާފަރަށް ވަޑައިގަތުމުން މަރުހަބާ ދަންނަވަނީ: ރައީސް މިއަދު ވަނީ އެމަނިކުފާނުގެ ސުނާމީގެ ބައެއް ތަޖުރިބާތައް ކިޔާދެއްވާފައި --- ފޮޓޯ: ރައީސް އޮފީސް

ހިންނަވަރުގައި ރައީސް ސޯލިހު ދިރުއުޅުއްވާ އެމަނިކުފާނުގެ އުފަންގެ ނޫރާނީއާގޭގެ ހުންނަނީ އަތިރިމައްޗާ މާ ދުރު ނޫން ހިސާބެއްގައި ކުރިމަތިން އިތުރު ގެއެއް ނުހުނަން ހިސާބެއްގަ އެވެ. އެހެން ކަމުން ސުނާމީގެ ރާޅުތައް އަރައިގެން އައި އިރު އެ ގެ އަށް ފުދޭވަރަކަށް ލޮނު ވަން ކަމަށް މައުލޫމާތު އެނގޭ ފަރާތަކުން ކިޔައިދިނެވެ.

ސުނާމީ ކާރިސާ އަކީ ދިވެހިންނާ ކުރިމަތިވި ވަރުގަދަ އިމްތިހާނެއް ކަން ފާހަގަކޮށް ރައީސް ސޯލިހު ވިދާޅުވީ، އެ އިމްތިހާނުން ލިބުނު ކާމިޔާބީގެ ސިއްރަކީ އަގީދާގެ ވަރުގަދަ ކަމާއި ސާފު އީމާންތެރިކަން ކަމަށެވެ.

"އެ ކާރިސާގެ ބިރުވެރިކަމުން ހިތްތަކަށް ހަމަޖެހުން ހޯދައިދިނީ މާތްﷲގެ އޯގާވަންތަކަމާއި މެދު އަޅުގަނޑުމެންގެ ހިތުގައި އޮތް ޔަގީން ކަން. އެ ދުވަހު ކުރިމަތިވި ހައި ހޫނު ކަމުން ސަލާމަތްކޮށްދިން ކަމަކީ ކެތްތެރިކަމާ އެކު ﷲގެ ހަޒުރަތައް އަޅުގަނޑުމެން ކުރި ދުއާ،" ފުން އަސަރާއި އެކު ރައީސް ސޯލިހު ވިދާޅުވި އެވެ.

ސުނާމީގައި ރާއްޖެ އިން 82 މީހުން މަރުވި އެވެ.