26 Dec 2018, 16:12
ދެހާސް ހަތަރު ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިސާގެ ސަބަބުން ރ. ކަދޮޅުދޫން އެ އަތޮޅު ދުވާފަރަށް ބަދަލުވި ރައްޔިތުންނަށާއި އަލަށް އުފަންވާ ކުދިންނަށް ވެސް ދުވާފަރުގެ ރަށް ވެހިކަން ދިނުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ގައުމީ އެއްބައިވަންތަ ކަމުގެ ދުވަސް ފާހަގަ ކުރުމަށް ދުވާފަރުގައި މިއަދު ބޭއްވި ޖަލްސާގައި އެ ރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު ކަންބޮޑުވުމަކީ ދުވާފަރުގެ ރަށް ވެހިކަން ނުލިބުން ކަން ވަނީ ކައުންސިލްގެ ރައީސް ފާހަގަކޮށްފަ އެވެ.

ރައީސް ސޯލިހު، ދުވާފަރު ކައުންސިލާ ބައްދަލު ކުރުމަށް ބޭއްވި ބައްދަވުލުވުމުގެ ތެރެއިން --- ފޮޓޯ: ރައީސް އޮފީސް
އެކަމަށް އިޝާރަތް ކުރައްވައި ރައީސް ސޯލިހު ވިދާޅުވީ، ދުވާފަރުގެ ރައްޔިތުންނަށް ރަށްވެހިކަން ދިނުމަކީ އެމަނިކުފާނުގެ ރިޔާސީ ވައުދެއް ކަމަށާއި އެކަން އެގޮތަށް ފަހިވެގެން ދާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ މަސައްކަތަކީ އެނބުރި މާލެ ދިއުމަށްފަހުގައި މިރަށުގެ ރައްޔިތުންނަށް މިއަދު ދިމާވެފައިވާ އެންމެ ބޮޑު އެއް އުނދަގޫ ކަމުގައިވާ ރަށުގެ ރަށްވެހި ކަމާއި ރަށުގައި ދީފައި ހުރި ގޯތިތަކުގެ ރަޖިސްޓްރީ މި ރަށުގެ ރައްޔިތުންނަށް ބަދަލު ކުރުމުގެ މަސައްކަތް ފަށައިގަތުން،" ރައީސް ސޯލިހު އެހެން ވިދާޅުވުމާ އެކު އެ ޖަލްސާއަށް ވަޑައިގެންތިބި އެ ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ތަރުހީބުގެ ހޫނު އަތްތިލަބަޑި އެއް ދީފަ އެވެ.
ދުވާފަރުގައި މީހުން އާބާދުކޮށްފައި ވަނީ ދުރާލާއި ޕްލޭން ކޮށްގެން ކަމުގައިވީ ނަމަވެސް މިހާރު އެ ރަށުގެ ބިން ފުރުފައިވާ ކަން ރައީސް ފާހަގަ ކުރެއްވި އެވެ. އަދި ވިދާޅުވީ، އިތުރަށް ގޯތި ދޭނެ ފްލެޓް އަޅާނެ ބިމެއް ވެސް ދުވާފަރުގައި ނެތް ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދުވާފަރަށް ދިއުމުން މަރުހަބާ ދަންނަވަނީ --- ފޮޓޯ: ރައީސް އޮފީސް
ދުވާފަރަށް ދިމާވެފައިވާ ބިމުގެ ދަތިކަން ހައްލު ކުރުމަށް ސަރުކާރުގެ ވިސްނުމަކީ ބިން ހިއްކައިގެން ގޯތި ދިނުން ކަމަށާއި އެ މަސައްކަތް ލަސްތަކެއް ނުވެ ފަށާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ. އަދި އެކަށީގެންވާ ސިއްހީ ހިދުމަތް ލިބެން ނެތުމަކީ ވެސް ދުވާފަރު ރައްޔިތުންނަށް ދިމާވެފައިވާ ދަތިކަމެއް ކަން ރައީސް ފާހަގަ ކުރެއްވި އެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ މި ރަށުގެ ސިއްހީ މަރުކަޒުގައި ލެބޯޓްރީއެއް ގާއިމުކޮށް އިތުރު ވަސީލަތްތައް ލިބޭނެ ގޮތް ހަދައި މި ރަށުގެ ސިއްހީ މަރުކަޒު ފެންވަރު މިހާރަށް ވުރެން ރަނގަޅުކޮށް އިތުރު ކުރުން،" ރައީސް ވިދާޅުވި އެވެ.
ދުވާފަރަކީ މަސްވެރި ރަށެއްކަން ފާހަގަކޮށް ރައީސް ވިދާޅުވީ، މަސް ދޯނި އެކައުންޓް ހުޅުވުމުން މަސްވެރިން ބޭންކިންގް ނިޒާމްގެ ތެރެއަށް ވަދެގެން ދާނެ ކަމަށެވެ.
"އެއީ މަސްވެރިންނަށް ލިބޭ ފައިސާ ރަށުގައި ޖަމާކޮށް ނެގުމަށް ލިބޭ ފަހި ފުރުސަތެއް. އެހެން މުވައްޒަފުންނެކޭ އެއްފަދައިން ލޯނާއި ކްރެޑިޓް ސްކީމުތަކުން މަސްވެރިންނަށް ވެސް އޭރުން ފުރުސަތުތައް ލިބިގެން ދާނެ،" ރައީސް ވިދާޅުވި އެވެ.