26 Dec 2018, 16:07
ޖަކާޓާ (ޑިސެމްބަރު 26): އިންޑޮނޭޝިއާއަށް މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އެރި ސުނާމީގައި މަރުވި މީހުންގެ އަދަދު 430 އަށް އަރައިފި އެވެ.
އޮފިޝަލުން ވިދާޅުވި ގޮތުގައި ޖާވާ އާއި ސުމަތުރާއަށް އެރި އެސުނާމީގެ ސަބަބުން 150 މީހަކު ވަނީ ގެއްލިފަ އެވެ. އަދި 1،500 މީހުންނަށް އަނިޔާވެ، ގާތްގަނޑަކަށް 22،000 މީހުންނަށް ވަނީ އެމީހުންގެ ގެދޮރު ދޫކޮށް ދާން ޖެހިފަ އެވެ.
އިންޑޮނޭޝިއާގެ ރެޑް ކްރޮސް އިން ވަނީ ހާލުގައި ޖެހިފައިވާ މީހުންނަށް އެހީ ފޯރުކޮށް ދިނުމާއި ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި އެކަމުގައި 400 މުވައްޒަފުންނާއި ދަރުމަވެރިން ބައިވެރިވާ ކަމަށް ވިދާޅުވެފަ އެވެ.
ނަމަވެސް އެގައުމުގެ ނެޝަނަލް ޑިޒާސްޓާ މިޓިގޭޝަން ސެންޓަރު (ބީއެންޕީބީ)ން ވަނީ ގެއްލުނު މީހުންގެ ތެރެއިން އެއްވެސް ބަޔަކު މިހާރު ދިރިތިއްބައި ފެނުމަކީ ނާދިރު ކަމެއް ކަމަށް ބުނެފަ އެވެ.
ޖާވާ އާއި ސުމަތުރާގެ މެދުގައި އޮންނަ ރަށެއްގެ އަލިފާން ފަރުބަދަ ގޮވުމާ ގުޅިގެން އެސުނާމީ އެރީ، 2004 ވަނަ އަހަރު އެރި ސުނާމީއަށް 14 އަހަރު ފުރެން ގާތްވެފައި ވަނިކޮށެވެ. ސުމަތުރާއަށް 9.1 މެގްނިޓިއުޑުގެ ބާރުމިނުގައި އައި އެ ބިންހެލުމަކާ އެކު އެރި އެސުނާމީގެ ސަބަބުން، 14 ގައުމަކުން 227,898 މީހުން މަރުވި އެވެ.