ސުނާމީ ކާރިސާގެ ސަބަބުން ރ. ކަނދޮޅުދޫ އިން ދުވާފަރަށް ބަދަލު ކުރި މީހުނަށް ދުވާފަރުގެ ރަށް ވެހިކަން ދިނުމަށް އެ ރަށު ކައުންސިލުން އެދެފި އެވެ.

ގައުމީ އެއްބައިވަތަންތަކަމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ދުވާފަރުގައި މިހާރު ކުރިއަށްދާ ޖަލްސާގައި ވާހަކަ ދައްކަވަމުން އެ ރަށު ކައުންސިލްގެ ރައީސް އިބްރާހިމް ނަސީރު ވިދާޅުވީ ކަނދޮޅުދޫގައި ދިރިއުޅުނުއިރު ދިމާވި އިޖުތިމާއީ މައްސަލަތައް ދުވާފަރުގައި ދިމާވުމަކީ އެ ރަށުގެ އެއްވސް ރައްޔިތަކު ބޭނުންވާ ކަމެއް ނޫން ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދުވާފަރަށް ވަޑައިގަތުމުން މަރުހަބާ ދަންނަވަނީ --- ފޮޓޯ: ރައީސް އޮފީސް

ދުވާފަރުގައި މިހާރު ވެސް ވިހާ ކުދިން ރަޖިސްޓްރީ ކުރަން ޖެހެނީ ކަނދޮޅުދޫއަށްކަން ފާހަގަކޮށް ނަސީރު ވިދާޅުވީ، އެކަމުގެ ސަބަބުން ދާއިމީ ރަޖިސްޓްރީ ލިބެން ނެތުމުން އެ ރަށުގެ ރައްޔިތުންނަށް ގިނަ އުނދަގޫތަކެއް ކުރިމަތިވަމުންދާ ކަމަށެވެ.

އެގޮތުން އިޖުތިމާއީ ހަލަބޮލިކަން ދިމާވެގެން ދަނީ ދާއިމީ ގޮތެއްގައި ގެދޮރުވެރި ނުކުރެވުމުގެ ސަބަބުން ކަން އިބްރާހިމް ނަސީރު ފާހަގަކުރެއްވި އެވެ.

ދުވާފަރު: އެ ރަށުގައި މިހާރު ދިރިއުޅެމުންދަނީ ކަނދޮޅުދޫ މީހުން --- ފޮޓޯ: ޕެނަރޯމިއޯ

"އެހެންކަމުން ކަނދޮޅުދޫގެ ރައްޔިތުން ދުވާފަރުގައި ރަށްވެހި ވުމާއި ގެތަކަށް ދާއިމީ ރަޖިސްޓްރީ އަވަސް މުސްތަގްބަލެއްގައި ހެދިގެން ދިއުން މީ ދުވާފަރުގެ ރައްޔިތުން މިއަދު ކުރަމުންދާ އެންމެ ބޮޑު އެއް އުންމީދު،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިތުރުން ދައުލަތުގެ ގިނަ އިސްވެރިން ތިއްބެވި ޖަލްސާގައި އިބްރާހިމް ނަސީރު ވިދާޅުވި އެވެ.

ދުވާފަރަށް ރަޖިސްޓްރީ ކުރެވޭނެ ގޮތް ހައްދަވައިދެއްވުމުގެ އިތުރުން އެ ރަށުގެ ބިން ހިއްކައި ޒިވާނުނުންނަ ގެދޮރު ލިބޭނެ ގޮތް މި ސަރުކާރުން ކޮށް ދެއްވުމަށް އިބްރާހިމް ނަސީރު ވަނީ އެދިވަޑައިގެންފަ އެވެ.