26 Dec 2018, 14:44
(ރ. ދުވާފަރު): ދިވެހީންނަކީ އެއްބައިވަންތަކަމުގެ ނަމޫނާއެއް ކަމަށާއި ދިވެހީންގެ އެއްބައިވަންތަކަމުގައި ކޫރުން އެޅެނީ ގައުމުގައި އޮންނަ ސިޔާސީ ނުތަނަވަސްކަމުގެ ސަބަބުން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެެއްޖެއެވެ.
އެއްބައިވަންތަކަމުގެ ދުވަސް ފާހަގަ ކުރުމަށް ރ. ދުވާފަރުގައި މިއަދު ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ އެއްބައިވަންތަ ކަމަކީ ޒަމާނުއްސުރެ ދިވެހީންގެ ކިބާގައި ހަރުލާފައިވާ މާތް، ރިވެތި ސިފައެއް ކަމަށެވެ.
މީގެ 14 އަހަރު ކުދިން ކުރިމަތިވި ސުނާމީ ކާރިސާގައި ދިވެހީން ދެއްކި ނަމޫނާ އެއްބައިވަންތަކަމާ ގުޅިގެން ފާހަގަ ކުރާ އެއްބައިވަންތަ ކަމުގެ ދުވަހުގެ ޖަލްސާގައި ހޯމް މިނިސްޓަރު ވިދާޅުވީ ސުނާމީ ކާރިސާގެ ބިރުވެރި ވަގުތު ދިވެހި ރައްޔިތުންނަށް ރައްކާތެރިކަމާއި ސަލާމަތްކަން އިހުސާސް ކުރެވުނީ އެކަކު އަނެކަކަށް ވެދިން އެހީތެރިކަމާއި ދެއްކި އެއްބައިވަންތަކަމުގެ ސަބަބުން ކަމަށެވެ.
"އެދުވަހު އެއް ރަށުގެ މީހުން އަނެއް ރަށުގެ މީހުންނަށް އެހީވުމަށް ދެއްކީ އިންސާނިއްޔަތުގެ ރިވެތި ނަމޫނާއެއް،"
މިނިސްޓަރު އިމްރާން ވިދާޅުވީ ދުވާފަރަކީ މީގެ ކުރިންވެސް ދިވެހިންގެ އެއްބައިވަންތަ ކަމާ ގުޅިފައިވާ ހާދިސާތަކާ ގުޅިފައިވާ ރަށެއްކަމަށެވެ. އެގޮތުން މުހައްމަދު ތަކުރުފާނާއެކު ޕޯޗުގީޒުންނާ ހަނގުރާމައަށް ނުކުތް ދުވާފަރު ދަންޑަހެލުގެ މަސައްކަތް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.
ސުނާމީ ކާރިސާގެ ދުވަހު އެންމެ ބޮޑު ދައުރެއް އަދާ ކުރީ ދިވެހި ސިފައިންނާއި ފުލުހުންނެވެ. ސިފައިންނާއި ފުލުހުން އެދުވަހު އަދާކުރެއްވީ ގައުމީ ބޮޑު މަސައްކަތެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ މުޖުތަމައެއްގައި އެއްބައިވަންތަކަން އޮންނާނީ އެ މުޖުތަމައުގައި މުހިއްމު ސިފަތަކެއް އަށަގަންނުވައިގެން ކަމަށެވެ.
"އިސްލާމީ މުޖުތަމައެއްގައި އެކުވެރިކަމާއި އެއްބައިވަންތަކަން ދެމެހެއްޓުމަށް ދީނާއި އަގީދާ އަކީ އެކަމަށް މަގުފަހިވާ އެންމެ މުހިއްމު ސަބަބު. މުޖުތަމައުގެ ބަހާއި ސަގާފަތާއި އާދަކާދަ އަކީ އެއްބައިވަންތަކަން ދެމެހެއްޓުމަށް އޮތް މުހިިއްމު ސިފައެއް،" މިނިސްޓަރު ވިދާޅުވީ ދިވެހި މުޖުތަމައުގައި އެއްބައިވަންތަކަން ދެމެހެއްޓުމަށް ސިޔާސީ ހަމަޖެހުން ގާއިމްކޮށްދެއްއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަސައްކަތް ކޮށްދެއްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށާއި އެކަމުގައި ރައީސާއި ކެބިނެޓާއެކު ދެމިހުންނަވާނެ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ސަލާމަތައި ރައްކާތެރިކަމަށްޓަކާ ސިޔާސީ ހަމަޖެހުމަކީ ކޮންމެހެން ލާޒިމު ކަމެއް ކަމަށެވެ.