26 Dec 2018, 14:04
ޖަކާޓާ (ޑިސެމްބަރު 26): އެއް ފަހަރު ބޭނުން ކުރުމަށް ފަހު އުކާލާ ޕްލާސްޓިކް އުފެއްދުމާއި ބޭނުން ކުރުން އިންޑޮނޭޝިޔާގެ ބާލީގައި މަނާކޮށްފި އެވެ.
ބާލީގެ ގަވަރުނަރު ވަޔަން ކޯސްޓާ ވިދާޅުވި ގޮތުގައި އާ ސިޔާސަތުގެ މަގުސަދަކީ އަންނަ އަހަރު ބާލީގެ ކަނޑުން ފެންނަ ޕްލާސްޓިކްގެ މިންވަރު 70 ޕަސެންޓަށް ދަށްކުރުމެވެ.
އަދި އެގަވާއިދު ތަންފީޒު ކުރުމުގައި ބޮޑަށް އިސްކަން ދޭނީ ޕްލާސްޓިކް އުފައްދާ ފަރާތްތަކަށާއި ޑިސްޓްރިބިއުޓަރުންނަށާއި ސަޕްލައި ކުރާ ފަރާތްތަކާއި އޭގެ ވިޔަފާރި ކުރާ ފަރާތްތަކަށެވެ. މީގެ އިތުރުން ކޯސްޓާ ވަނީ ގަވާއިދާ ހިލާފުވާ ފަރާތްތަކުގެ ވިޔަފާރި ކުރުމުގެ ހުއްދަ އަތުލުން ފަދަ ފިޔަވަޅުތައް އަޅާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.
އެސިޔާސަތުގެ ދަށުން މަނާ ކުރާ ބާވަތްތަކުގެ ތެރޭގައި ޕްލާސްޓިކް ކޮތަޅާއި ސްޓައިރޮފޯމް އިން ހަދާފައިވާ ތަށްޓާއި ފެންބޯ ހޮޅި ހިމެނެ އެވެ.
ބާލީގެ ގޮނޑުދޮށަށް ގިނަ އަދަދެއްގެ ޕްލާސްޓިކްގެ ބާވަތްތައް ލައްގާ މައްސަލަ ވަނީ ވަރަށް ބޮޑުވެފަ އެވެ. ކަމާ ބެހޭ މާހިރުން ވިދާޅުވާ ގޮތުގައި ބާލީގެ ގޮނޑުދޮށަށް ލައްގާ ޕްލާސްޓިކް ކުނީގެ 80 ޕަސެންޓަކީ އެރަށުން ކަނޑަށް ދޫކުރާ ބާވަތްތަކެވެ.
އެގޮތުން ބާލީގެ ގިނަ ހޮޓެލްތަކާއި އަވަށްތަކުގެ ކުނި އަޅަނީ ކޯރަށް ކަމަށާއި އެކުނި ކަނޑަށް ގޮސް، އަނެއްކާ ވެސް ރަށުގެ ގޮނޑުދޮށަށް ލައްގަނީ ކަމަށް މާހިރުން ވިދާޅުވި އެވެ.
އެއް ފަހަރު ބޭނުން ކޮށްފައި އުކާލާ ޕްލާސްޓިކް އެކި ފެންވަރުގައި މީގެ ކުރިން މަނާކުރި ގައުމުތަކުގެ ތެރޭގައި މެލޭޝިއާ، ފިލިޕީންސް، އިންޑިއާ އަދި ޗައިނާ ހިމެނެ އެވެ.