26 Dec 2018, 12:40
ޖަކާޓާ (ޑިސެމްބަރު 26): އަންނަ އަހަރު އިންޑޮނޭޝިއާގައި އާ ސުނާމީ ވޯނިން ސިސްޓަމެއް ގާއިމު ކުރާނެ ކަމަށް އެގައުމުގެ ސަރުކާރުގެ އިދާރާއަކުން ބުނެފި އެވެ.
އިންޑޮނޭޝިއާގެ އޭޖެންސީ ފޯ ދި އެސެސްމެންޓް އެންޑް އެޕްލިކޭޝަން އޮފް ޓެކްނޮލޮޖީ (ބީޕީޕީޓީ)އިން އެފަދައިން ބުނީ، މިދިޔަ ހޮނިހިރު ދުވަހު އެގައުމަށް އެރި ސުނާމީއެއްގައި 429 މީހުން މަރުވެ، 150 މީހުން ގެއްލުނު ފަހުންނެވެ.
އެއޭޖެންސީން ބުނި ގޮތުގައި އަންނަ އަހަރު ތައާރަފް ކުރާ އާ ވޯނިން ސިސްޓަމް މަސައްކަތް ކުރާނީ ކަނޑުގެ ރާޅުތަކުގެ ސައިޒު މޮނިޓާކޮށްގެންނެވެ.
ޖާވާއާއި ސުމަތުރާއަށް އެ ސުނާމީ އެރީ ދެ ރަށުގެ މެދުގައި އޮންނަ ރަށެއްގައި ހުރި އަލިފާން ފަރުބަދައެއް ގޮވުމުން، ކަނޑު އަޑީން ބިންގަނޑު ކަނޑައިގެން ދިޔުމުގެ ސަބަބުން ކަމަށް ކަމާ ބެހޭ މާހިރުން ލަފާ ކުރެއެވެ.
އަދި މިހާރު އިންޑޮނޭޝިއާގައި ހުންނަ ސުނާމީ ވޯނިން ސިސްޓަމުން މޮނިޓާ ކުރަނީ ބިންހެލުންތައް ކަމުން، އެ ހާދިސާއާ ގުޅިގެން ސުނާމީ އަރާފާނެ ކަމުގެ އިންޒާރު ދެވިފައެއް ނުވެއެވެ.
އިންޑޮނޭޝިއާގެ މީޓިއޮރޮލޮޖީ، ޖިއޯފިޒިކްސް އެންޑް ކްލައިމެޓޮލޮޖީ އޭޖެންސީން ވަނީ އަލިފާން ފަރުބަދަ ގޮވައި، އިތުރު ސުނާމީއެއް އަރައިފާނެތީ ޖާވާއާއި ސުމަތުރާގެ ރައްޔިތުން އައްސޭރިފަށާ ކައިރިއަށް ނުދިޔުމަށް އަންގައިފައެވެ.
އަދި އެގައުމުގެ ނެޝަނަލް ޑިޒާސްޓާ މިޓިގޭޝަން ސެންޓަރު (ބީއެންޕީބީ)ން ދަނީ ސުނާމީގެ ސަބަބުން ލިބިފައިވާ ގެއްލުންތައް އަންދާޒާ ކުރަމުންނެވެ. އެސެންޓަރުން ވަނީ ގެއްލުނު މީހުންގެ ތެރެއިން އެއްވެސް ބަޔަކު ދިރިތިއްބައި ފެނުމަކީ ނާދިރު ކަމެއް ކަމަށާއި، މިހާރު އިސްކަން ދެނީ ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް ކަމަށް ބުނެފައެވެ.