ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް އަވަސް ކުރުމަށް އާ ގޮތްތަކެއް ވިސްނަންޖެހިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިން ވަނަ ދައުރުގެ މަސައްކަތްތައް ފައްޓަވަމުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުންނާ މުހާތަބު ކުރައްވައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ތިން ވަނަ ދައުރުގެ މަސައްކަތް ފަށާ އިރު މަޖިލީހުގައި ކުރިއަށް ހުރި މަސައްކަތްތައް ވަރަށް ގިނަ ކަމަށެވެ. އަދި އަލްހާ އީދާއި ޖުމްހޫރީ ދުވަހުގެ ބަންދު ދުވަސްތައް މަޖިލީހުގެ މަސައްކަތްތަކުގެ ތެރެއިން ގެއްލިގެން ދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މަޖިލީހުގެ މަސައްކަތް އަވަސް ކުރުމަށް ވަނީ އާ ގޮތްތަކެއް ވިސްނަން ޖެހިފައި. އަދި މި ދައުރަކީ ބަޖެޓްގެ މަސައްކަތްތައް ވެސް ކުރަން ޖެހޭ ދައުރުކަމުން އެކަން ވެސް މެންބަރުންގެ ހަނދުމަފުޅުގައި ބެހެއްޓުމަށް އެދެން. ކޮމިޓީތަކުގެ މަސައްކަތްތައް އަވަސްކޮށްދެއްވުމަށް މުގައްރިރުންގެ ކިބައިން އެދެން،" ޝާހިދު ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގެ މެންބަރު ފަރެސް މާތޮޑާ ދާއިރާގެ އިބްރާހިމް މުއްތަލިބާއި ޑީއާރުޕީގެ މެންބަރު ގަލޮޅު ދެކުނު ދާއިރާގެ އަހްމަދު މަހްލޫފު އެބޭފުޅުން ނިސްބަތްވެ ވަޑައިގަންނަވާ ޕާޓީން ވަކިވެ ވަޑައިގެން ކަމުގެ ލިޔުން މަޖިލީހަށް ހުށަހަޅުއްވާފައިވާތީ ޝާހިދު ވަނީ އެކަން މަޖިލީހުގައި އިއްލާން ކުރައްވައިފަ އެވެ. އަދި އެ ބަދަލުތަކުގެ ސަބަބުން މަޖިލީޙުގެ ދަފްތަރުގައި މިހާރު މެންބަރުން ހިމެނިވަޑައިގަންނަވާގޮތް ޝާހިދު ވިދާޅުވި އެވެ.

"މަޖިލީހުގެ ދަފްތަރުގައި މިހާރު ތިއްބެވީ، އެމްޑީލީގެ 34 މެންބަރުން. ޑީއާރުޕީގެ 23 މެންބަރުން ޕީއޭގެ ހަތް މެންބަރުން. ޖުމްހޫރީ ޕާޓީގެ ދެ މެންބަރުންނާއި ގައުމީ ޕާޓީގެ އެއް މެންބަރު. އޭގެ އިތުރުން ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ 10 މެންބަރުން،" ޝާޙިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ މެންބަރުންގެ މަސްލަހަތު ރައްކާތެރި ކުރުން އޮންނާނީ މަޖިލީހުގެ ރައީސްގެ އަތްޕުޅުމަތީގަ އެވެ. ގަވާއިދުގައިވާ ގޮތުން އެކަމާ ބެހޭ ގޮތުން މަޖިލީހުގެ މެޖޯރިޓީ ލީޑަރާއި މައިނޯރިޓީ ލީޑަރާ މަޝްވަރާ ކުރައްވަންދެން، މުއްތަލިބާއި މަހްލޫފު މިހާރު ވެސް ތިއްބެވި ކޮމިޓީތަކުގައި ތިއްބަވައިގެން މަސައްކަތް ކުރެއްވުމުގެ ފުރުސަތު ދެއްވަވާ ކަމަށް ވެސް ޝާޙިދު ވިދާޅުވި އެވެ.