26 Dec 2018, 12:22
ދައުރުން ބޭރުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބޭއްވުމުގެ މަސައްކަތް މިހާރު ކުރައްވަމުން ގެންދަވާ ކަމަށް، ސަރުކާރު ހިންގާ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕުން މިއަދު ބުނެފި އެވެ.
ހަތަރު ލީޑަރުން މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި މަޝްވަރާތަކަށް ފަހު، ލީޑަރުން އެއްބަސްވެވަޑައިގެންފައި ވަނީ ދައުރުން ބޭރުގައި މަޖިލިސް ޖަލްސާއެއް ބޭއްވުމަށް މަޖިލީހުގައި އެދުމަށެވެ.
ކޯލިޝަންގެ ޖޮއިންޓް ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު، ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާ މެމްބަރު އަބްދުﷲ ރިޔާޒް މިއަދު "ސަން" އަށް ވިދާޅުވީ، ލީޑަރުންގެ އެދިވަޑައިގަތުމަށް ދަައުރުން ބޭރުން ޖަލްސާއެއް ބޭވުމަށް މިހާރު މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
"މެމްބަރުން މާލޭގައި [ތިއްބަވާ] ތާރީހުތައް އޮޅުންފިލުވައި މެމްބަރުންގެ އެވޭލިބިލިޓީއެއް އެނގުމުން މި މަސައްކަތް ކުރަނީ މި ފެށޭ މަހު ޖަލްސާއެއް ބޭއްވޭތޯ،" ޗުއްޓީ ދުވަސްވަރު ކަމަށް ވާތީ ގިނަ މެމްބަރުން ރަށުން ބޭރުގައި އުޅުއްވާ ކަމަށް ފާހަގަކޮށް ރިޔާޒް ވިދާޅުވި އެވެ.
މަޖިލީހުގެ ގަވާއިދުވާ ގޮތުން ދައުރުން ބޭރުން ޖަލްސާއެއް ބޭއްވޭނީ މަޖިލީޖުގެ ތިން ބައިކުޅަ އެއްބައި މެމްބަރުން އެ ޖަލްސާ ބޭއްވުމަށް ސަބަބު ބަޔާންކޮށް، ސޮއި ކުރުމަށް ފަހު އެކަން މަޖިލީހަށް ހުށަހެޅުމުންނެވެ. އެގޮތުން މަޖިލީހުގެ 85 މެމްބަރުންގެ ތެރެއިން މަދުވެގެން 29 މެމްބަރުން އެ ޖަލްސާ ބާއްވަން އެދެން ޖެހޭނެ އެވެ.
ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރުކަން ވެސް ކުރައްވަމުން ގެންދަވާ ރިޔާޒް ވިދާޅުވީ، އެ ޖަލްސާގާއި މައިގަނޑު ގޮތެއްގައި އޮތީ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް އުފެއްދެވި، މަރުތަކާއި ކޮރަޕްޝަނާ ބެހޭ ދެ ކޮމިޝަނަށް ބާރުދޭ ބިލްގެ މަސައްކަތް ކަމަށެވެ.
ކޯރަމް ހަމަ ނުވެގެން ސަރުކާރުން ހުށަހަޅާފައިވާ މުހިންމު ބިލުތަކަށް ވޯޓަށް ނޭހި، މި މަހުގެ 15 ވަނަ ދުވަހު ބެއްވި ތިން ވަނަ ދައުރުގެ ފަހު ޖަލްސާ ނިންމާލަން ޖެހުނެވެ.
އިންޑިއާ ދަތުރުފުޅަށް ފަހު ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ސޯލިހް ވިދާޅުވީ، މުހިއްމު ބިލްތަކެއް ފާސްނުކޮށް މަޖިލިސް ދައުރު ނިންމާ ޗުއްޓީއަށް ދިއުމުން ހިތާމަކުރައްވާ ކަމަށެވެ.