ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ރ. އަތޮޅު ދުވާފަރަށާއި ކުޑަދޫ އައިލެންޑް ރިޒޯޓަށާއި ނ. ހެނބަދުއަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ހެނދުނު ފުރާވަޑައިގެންފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ދުވާފަރަށް ވަޑައިގެން އެ ރަށުގައި އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމަށް ބާއްވަވާ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށްފަހު، ޅ. އަތޮޅު ކުޑަދޫގައި ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްއިން ހިންގާ ކުޑަދޫ މޯލްޑިވްސް ޕްރައިވެޓް އައިލެންޑް ބައި ހުރަވަޅި ރިސޯޓަށް ވަޑައިގެން އެ ރިސޯޓު ރަސްމީކޮށް ހުޅުއްވައި ދެއްވާނެއެވެ. އަދި މާދަމާ ނ. ހެނބަދޫއަށް ވަޑައިގެން އެ ރަށުގެ ނަރުދަމާ ނިޒާމުގެ ޚިދުމަތް ފައްޓަވައި ދެއްވުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުންޏެވެ.

އެއްބައިވަންތަކަމުގެ ދުވަސް މި އަހަރު ރަސްމީކޮށް ފާހަގަކުރަން ނިންމާފައި ވަނީ ދުވާފަރުގަ އެވެ. އެއްބައިވަންތަކަމުގެ ދުވަހަކީ 2004 ވަނަ އަހަރު ރާއްޖެއަށް ދިމާވި ސުނާމީ ކާރިސާގައި ދިވެހިން ދެއްކި އެއްބައިވަންތަކަން ފާހަގަކުރުމަށް 2005 ވަނަ އަހަރުން ފެށިގެން ފާހަގަ ކުރަމުން އަންނަ ދުވަހެކެވެ.

ސުނާމީ ކާރިސާގައި ރ. ކަނދޮޅުދޫ އަށް ލިބުނު ގެއްލުންތަކުގެ ސަބަބުން އެރަށުގައި މީހުން ދިރިނޫޅެވޭ ވަރަށް ހަލާކުވުމުން، ސަރުކާރުން ދުވާފަރު ސޭފް އައިލެންޑެއްގެ ގޮތުގައި ތަރައްގީކޮށް، ކަނދޮޅުދޫ މީހުން ދުވާފަރަށް ބަދަލުކުރިއެވެ. ސުނާމީގައި ކަނދޮޅުދޫގެ ތިން މީހަކު ދުނިޔެ ދޫކުރިއެވެ. އެރަށަކީ މި ކާރިސާގައި ރާއްޖެއިން އެންމެ ބޮޑު ގެއްލުމެއް ލިބުނު އެއް ރަށެވެ.

ދުވާފަރަށް ކަނދޮޅުދޫ މީހުން ބަދަލުކުރީ 2009 ވަނަ އަހަރުއެވެ.

އެ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރައީސުލްޖުމްހޫރިއްޔާ މާދަމާ މާލެ ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.