އާ އަހަރާ ދިމާކޮށް މާލެ ސަރަހައްދުން މަސްތުވާތަކެތި ހުއްޓުވުމަށް ފުލުހުން މާދަމާ ނިކުތުމަށް ހަމަ ޖެހިފައިވާ ކަމަށް ބުނެފިއެވެ.

ފުލުހުން ބުނީ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ކުރިއަށް ގެންދާ އެ އޮޕަރޭޝަނަކީ އާ އަހަރާއި ދިމާކޮށް މާލެއާއި މާލެކައިރި ސަރަޙައްދުތަކުގައި، މަސްތުވާތަކެއްޗާއި ބަނގުރާ ބޭނުންކުރުން ހުއްޓުވުމަށާއި އަމާން ރައްކާތެރި މާޙައުލެއް ޤާއިމްކުރުމުގެ ގޮތުން ފަށާ އޮޕަރޭޝަނެއް ކަމަށެވެ.

މީގެ ކުރިން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އަތުލައިގެންފައިވާ ބިޔަރު ދަޅުތަކެއް: އާ އަހަރާއި ދިމާކޮށް ބާއްވާ އުފާފާޅުކުރުންތަކުގައި މަސްތުވާތަކެތި ބޭނުންކުރާ މިނަވަރު އިތުރުވޭ – ފައިލް ފޮޓޯ: ޕޮލިސް

"މި އޮޕަރޭޝަނުގައި ފާރަގެމަ ބޭނުންކޮށްގެން މާލެ، ހުޅުމާލެ، ވިލިމާލެ އަދި މާލެއާއި ކައިރި ރަށްރަށުގައި މަސައްކަތްތަކެއް ކުރުމަށްވަނީ ހަމަޖެހިފަ،" ފުލުހުންގެ މީޑިއާ އިން ބުންޏެވެ.

އެގޮތުން މި މަސައްކަތްތަކުގައި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގެ އިތުރުން ފުލުހުންގެ އޮޕަރޭޝަނަލް ހުރިހާ ޑިޕާޓްމަންޓަކުންނާއި މޯލްޑިވްސް ކަސްޓަމްސް ބައިވެރިވާނެ ކަމަށް ވެސް ފުލުހުން ބުނެއެވެ.

މީގެ ކުރިން ވެސް ވަނީ އާ އަހަރާއި ދިމާކޮށް ކުރިއަށް ގެންދާ އުފާފާޅު ކުރުންތަކުން ގިނަ އަދަދެއްގެ މަސްތުވައްތަކެއްޗާއި ބަނގުރާ އަތުލައިގަނެފައެވެ. އަދި އެކަމާއި ގުޅިގެން ބައެއް މީހުން ވެސް ވަނީ ހައްޔަރު ކޮށްފައެވެ.