26 Dec 2018, 09:53
ދިއްލީ(ޑިސެމްބަރު 26): އިންޑިއާގައި ރޭލަށާއި އެހެން އުޅަނދުތަކަށްވެސް ދަތުރު ކުރެވޭ ގޮތަށް ހަދާފައިވާ އެންމެ ދިގު ބުރިޖު އިއްޔެ ހުޅުވައިފިއެވެ.
އައްސާމްގެ ބްރަމަޕުޓްރާ ކޯރު ހުރަސްކޮށް ހަދާފައިވާ ބޮގިބީލް ބްރިޖުގެ ދިގު މިނުގައި 4.9 ކިލޯމީޓަރު ހުރެ އެވެ. އަދި 16 އަހަރުގެ މަސައްކަތުން ހަދާފައިވާ އެބުރިޖަށް 800 މިލިއަން ޑޮލަރު ހޭދަވި އެވެ. އެއީ މުޅި އޭޝިއާއިންވެސް ދެވަނައަށް އެންމެ ދިގު އެފަދަ ބުރިޖެވެ.
އެބުރިޖުގެ ދެ ޑެކު އޮންނަ އިރު، ތިރީ ޑެކު އޮންނަނީ ރޭލު ދަތުރަށް ހާއްސަކޮށްފަ އެވެ. އަދި މަތީ ޑެކު އޮންނަނީ އެހެން އުޅަނދުތަކަށް ދަތުރު ކުރެވޭ ގޮތަށް ތިން ލޭނަށް ބަހާލާފައެވެ.

އިންޑިއާގެ ބޮގިބީލް ބްރިޖުގެ ދެވަނަ ޑެކުގައި ހުންނަނީ ދެ ރޭލަށް ދަތުރު ކުރެވޭ ގޮތަށް ހަދާފައި -- ފޮޓޯ: ފައިނޭންޝަލްއެކްސްޕްރެސް
އެބުރިޖުން އައްސާމްގެ ދިބްރުގާ އާއި ދެމާޖީ ޑިސްޓުރިކްޓު ގުޅުވައިދެ އެވެ. އެހެންކަމުން އެބުރިޖު އޮންނަނީ އައްސާމާއި އަރުނާޗަލް ޕްރަދޭޝް ގުޅޭ ބޯޑަރާ އެންމެ 20 ކިލޯމީޓަރު ދުރުގައެވެ. އަދި ބުރިޖު ހުޅުވުމާއެކު ދެ ސްޓޭޓުގެ މެދުގައި ދަތުރުކުރަން ނަގާ ވަގުތު ކުޑަ ވެގެންދާނެ އެވެ.
އަދި އަރުނާޗަލް ޕްރަދޭޝް އޮންނަނީ އިންޑިއާ އާއި ޗައިނާއާ ގުޅޭ ބޯޑަރާ ގާތުގައި ކަމުން، ބޮގިބީލް ބްރިޖު ހުޅުވުމަކީ އިންޑިއާގެ ދިފާއީ މަސައްކަތްތަކަށްވެސް އެހީވެދޭ ކަމެއް ކަމަށް އެގައުމުގެ މީޑިއާތަކުން ބުނެ އެވެ.
އެގޮތުން ހާއްސަ ހާލަތްތަކުގައި ބްރިޖުގެ މަތީ ޑެކަށް އިންޑިއާގެ ފައިޓާ ޖެޓުތަކަށް ޖެއްސޭނެ ކަމަށްވެސް ޕްރެސް ޓްރަސްޓް އޮފް އިންޑިއާއިން ބުންޏެވެ.
އިންޑިއާގެ އެންމެ ދިގު ބްރިޖު ކަމަށްވާ ދޯލާ-ސާދިޔާ ބުރިޖު ހުޅުވީ މިދިޔަ އަހަރެވެ. އައްސާމާއި އަރުނާޗަލް ޕްރަދޭޝް ގުޅުވައިދޭ 9.1 ކިލޯމީޓަރުގެ އެބުރިޖަކީވެސް ޑިފެންސް ވަރުގަދަ ކުރުމަށް ހެދި ބުރިޖެކެވެ.