26 Dec 2018, 09:08
ހޮލީވުޑް ލަވަކިޔުންތެރިޔާ މައިލީ ސައިރަސް އާއި ހޮލީވުޑް އެކްޓަރު ލިއަމް ހެމްސްވާތު ކައިވެނި ކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ޚަބަރުތައް ބުނާގޮތުން މައިލީއާއި ލިއަމް ކައިވެނި ކުރީ ދެމީހުންގެ ގޭގައި ބޭއްވި ވަރަށް ކުޑަ އަދި ސިއްރު ހަފްލާއެއްގައި މިދިޔަ ހޯމަ ދުވަހުއެވެ.
ކައިވެނީގެ ހަފްލާގައި ބައިވެރިވީ ދެފަރާތުގެ އާއިލާއާއި އެންމެ ގާތް އެކުވެރިން އެކަންޏެވެ.
ދެމީހުންގެ ކައިވެނީގެ ރިޕޯޓުތައް ފެންމަތިވީ ދެމީހުންގެ ގާތް އެކުވެރިޔަކު އޭނާގެ އިންސްޓަގްރާމް ސްޓޯރީއަށް ލައިފައި ހުރި ފޮޓޯތަކުގެ ސަބަބުންނެވެ.
އެ ފޮޓޯތަކުން ފެންނަނީ މައިލީ ހުދު ހެދުމެއްގައި އަދި ލިއަމް ކޯޓު ފަޓުލޫނުގައި ތިބެ ކޭކެއް ފަޅާ މަންޒަރެވެ. އަދި ފަހަތުން "މިސްޓަރ އެންޑް މިސިސް" ޖަހައިފައި ހުރި ބެކްޑްރޮޕް އެއް ފެނެއެވެ. ފޮޓޯ ތަކުން ލިއަމް އަދި މައިލީގެ އާއިލާ މެމްބަރުން ވެސް ފެނެއެވެ.
މައިލީ އަދި ލިއަމްގެ ފަރާތުން އަދި ކައިވެނި ކުރިކަން ޔަގީންކޮށްދީފައެއް ނުވެއެވެ.
މައިލީ އާއި ލިއަމް ލޯބީގެ ގޮތުން ގުޅުނީ 2010 ވަނަ އަހަރު ދެމީހުން އެކުގައި މަސައްކަތް ކުރި ފިލްމު 'ދަ ލާސްޓް ސޯންގް' އަށް ފަހުއެވެ. އޭގެ އަހަރުތަކެއް ފަހުން ދެމީހުން ވަކިވި ނަމަވެސް، 2015 ވަނަ އަހަރު ދެމީހުން ވަނީ އަލުން ގުޅިފައެވެ.