ދިވެހި ރާއްޖޭގެ ގުޅުން ޕްރައިވެޓް ލިމިޓެޑް]ދިރާގު[ ޕަބްލިކް ކުންފުންޏަކަށް ބަދަލުކޮށް އިއުލާންކޮށްފި އެވެ.

ދިރާގުން އިއްޔެ އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ ރާއްޖޭގެ އެންމެ ބޮޑު މުވާސަލާތީ ކުންފުނި، ދިރާގު ޕަބްލިކް ކުންފުންޏަކަށް ބަދަލު ކުރީ މިދިޔަ މަހު 27 އިން ފެށިގެން ކަމަށާއި ޕަބްލިކް ކުންފުންޏަކަށް ބަދަލު ކުރީ ކުންފުނީގެ ހިއްސާ އާންމުކޮށް ވިއްކުމަށް ސަރުކާރުން ކަނޑައެޅުމާ ގުޅިގެން އެކަމަށް މަގުފަހިކުރުމުގެ ގޮތުން ކަމަށެވެ.

އެ ކުންފުނި ޕަބަލިކް ކުންފުންޏަކަށް ބަދަލު ކުރުމުން މިހާރު އެ ކުންފުނީގެ ނަމަކީ، ދިވެހި ރާއްޖޭގެ ގުޅުން ޕަބްލިކް ލިމިޓެޑް ކޮމްޕެނީ ކަމަށާއި ނަމަވެސް އަދި ވެސް ބްރޭންޑް ނަމެއްގެ ގޮތުގައި ބޭނުން ކުރާނީ "ދިރާގު" ކަމަށް ދިރާގުން ބުންޏެވެ.

ދިރާގުގެ ހިއްސާ އާންމުންނަށް ވިއްކާނެ ކަމަށް ސަރުކާރުން އިއުލާން ކުރީ އޯގަސްޓް މަހު 24 ގަ އެވެ. ނަމަވެސް އެ ކުންފުނީގެ ހިއްސާގެ ތެރެއިން ވިއްކާނީ ކިހާވަރެއް ކަމެއް ކަނޑައެއް ނާޅަ އެވެ.