ނ. މާފަރުގައި ތަރައްގީ ކުރާ އިންޓަނޭޝަނަލް އެއާޕޯޓް މަޝްރޫއު އަށް ފަންޑް ކުރި އަބޫދާބީ ފަންޑު ފޯ ޑިވެލޮޕްމަންޓް (އޭޑީއެފްޑީ)ގެ އިސްވެރިންނާ ބައްދަލު ކުރެއްވުމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ޔުނައިޓެޑް އަރަބް އެމިރޭޓް (ޔޫއޭއީ) އަށް ވަޑައިގަންނަވަން ނިންމައިފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ އޭޑީއެފްޑީގެ ދައުވަތަކަށް މިނިސްޓަރު ނަހުލާ މާދާމާ އަބޫދާބީއަށް ވަޑައިގަންނަވާނެ ކަމަށާއި މި ދަތުރުފުޅުގައި މާފަރު އެއާޕޯޓުގެ މަޝްރޫއާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށެވެ.

އަދި އޭގެ އިތުރުން މި ދަތުރުފުޅުގައި އެބޭފުޅުންގެ ފަރާތުން ދަތުރުފަތުރުގެ ދާއިރާ އިން ރާއްޖެއަށް ހޯދެން ހުރި އެހީތަކާއި ދެވޭނެ އެއްބާރުލުން ބެހޭ ގޮތުން ވެސް މަޝްވަރާ ކުރައްވާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުންޏެވެ.

މިނިސްޓަރު ނަހުލާ މާދަމާ އަބޫދާބީ އަށް ވަޑައިގަންނަވާއިރު، މާފަރު މަޝްރޫއު ކުރިއަށް ނުދެވި ވަނީ ހުއްޓިފަ އެވެ.

މާފަރު އެއާޕޯޓް -- ފޮޓޯ: ޕީއެސްއެމް

ޔޫއޭއީ ފަންޑުގެ ހިލޭ އެހީގައި، ސިންގަޕޫރުގެ ޓަފް އޮފް ޝޯ ކުންފުންޏާ ހަވާލުކޮށްގެން، މާފަރުގައި ތަރައްގީކުރާ އެއާޕޯޓުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މިދިޔަ އަހަރުގެ ޑިސެންބަރު މަހު ފަހުކޮޅުގަ އެވެ.

ނިމިދިޔަ ރިޔާސީ އިންތިހާބާ ދިމާކޮށް މުޅި ނ. އަތޮޅުގެ ރައްޔިތުންގެ އުއްމީދުތަކާއި ގުޅިފައިވާ މާފަރު އެއާޕޯޓު ގައި މިދިޔަ އޮގަސްޓް މަހު ވަނީ ޓެސްޓް ފްލައިޓް ވެސް ޖައްސާ، ރަސްމީކޮށް ހުޅުވާފައެވެ.

މި އެއާޕޯޓް އަޅަން ޕްލޭން ކުރެވިފައި ވަނީ ދުނިޔޭގެ ބޮޑެތި މަތިންދާ ބޯޓްތައް ކަމަށްވާ އެއާބަސް އޭ 320 އާއި ބޮއިން 737 މަރުކާގެ ބޯޓު ފަހަރު ޖެއްސޭ ގޮތަށެވެ. އެ ރަށުގައި އަޅާފައިވާ ރަންވޭގެ ދިގުމިނުގައި 2،200 މީޓަރު ދިގު، ފުޅާ މިނުގައި 40 މީޓަރު ހުރެ އެވެ.