މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ކޮމިޝަނާ އޮފް ޕްރިޒަންސްގެ މަޤާމަށް ބޭފުޅަކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، މިއަދު އައްޔަން ކުރައްވައިފި އެވެ.

ރައީސް ސޯލިހް ކޮމިޝަނާ އޮފް ޕްރިޒަންސްގެ މަޤާމަށް އައްޔަން ކުރެއްވީ ހ. މާފިޔާ އަބްދުﷲ މުނާޒެވެ. މުނާޒަކީ، މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން މިއަދު އިސްތިއުފާ ދެއްވި ބޭފުޅެކެވެ.

ކޮމިޝަނަރު އޮފް ޕްރިޒަންސްގެ މަގާމަށް މުނާޒް އައްޔަން ކުރެއްވި މިނިސްޓަރުންގެ ނައިބު ފެންވަރުގައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

މި ސަރުކާރު އައި އިރު ކޮމިޝަނަރު އޮފް ޕްރިޒަންސްގެ މަގާމުގައި ހުންނެވި އަޙްމަދު ޝިހާން ވަނީ ދާދިފަހުން މަގާމުން ވަކިކޮށްފައެވެ.

ކޮމިޝަނާ އޮފް ޕްރިޒަންގެ މަގާމަށް އައްޔަން ކުރެވުނު މުނާޒަކީ، އެމްއެންޑީއެފް ގައި 24 އަހަރު ޚިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ. ޝަރަފުވެރިކަމާއެކު 2011 ވަނަ އަހަރު ސިފައިންގެ ހިދުމަތުން ރިޓަޔާ ކުރެއްވި އިރު އޭނާ ހުންނެވީ ފަސްޓް ލެފްޓެނަންޓްގެ މަގާމުގަ އެވެ.

އަދި 2011 ވަނަ އަހަރު ޑިޕާޓްމަންޓް އޮފް ޕެނިޓެންޝަރީ އެންޑް ރިހެބިލިޓޭޝަން ސަރވިސަސް އުފެއްދެވުމާ ގުޅިގެން ޢަބްދުﷲ މުނާޒް ވަނީ ސްޕްރިންޓެންޑެންޓްގެ މަޤާމަށް ޢައްޔަންކުރައްވައި ޖަލުގެ އެންމެ އިސްވެރިޔާގެ މަގާމު އަދާކުރައްވާފަ އެވެ.

މުނާޒް އަކީ ލީޑާޝިޕް އެންޑް މެނޭޖްމަންޓްގެ ދާއިރާއިން ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ ފެންވަރަށް ތައުލީމު ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.